3 މޭ 2025 - 18:04 0
3 މޭ 2025 - 18:04 0
އެއްބަސްވުމެއް ނެތި އިންޑިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި އޮންނަ ކުންފުންޏެއްގެ މުވައްޒަފުން ރާއްޖޭގައި މިލިޓަރީ ހެލިކޮޕްޓަރު ދުއްވުމަކީ މައްސަލައެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވައިފި އެވެ.
އިންޑިއާއިން ހަދިޔާކޮށްގެން ރާއްޖޭގައި އެ ގައުމުގެ މީހުން ލައްވައި ދުއްވާ ތިން އެއާކްރާފްޓުގެ ތެރެއިން އެއް އެއާކްރާފްޓުގެ އެއްބަސްވުމުގެ މުއްދަތު ވަނީ ފެބްރުއަރީ މަހު ހަމަވެފަ އެވެ. އެއީ ހެލިކޮޕްޓަރަކެވެ. އޭގެ ފަހުން އެ ހެލިކޮޕްޓަރު ދުއްވަނީ އެއްބަސްވުމެއް ނެތި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން އަދަދު އިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ ހެލިކޮޕްޓަރު ދުއްވަނީ ދެ ގައުމުގައި އޮތް ގާތް ގުޅުމުގެ ތެރެއިން، ބޭނުމެއް ޖެހިއްޖެ ހާލަތެއްގައި ކަމަށެވެ.
"ދެ ގައުމުގެ ގުޅުން ވަރަށް ރަނގަޅު އިރާދަކުރެއްވީތީ. ދެ ގައުމުގެ ގާތް ގުޅުމުގެ ތެރެއިން ހަމަ އެ ނީޑް ޖެހޭ ވަގުތެއްގައި، މިސާލަކަށް މީހަކު ގެއްލިގެން ހޯދަންޖެހުނީ، އެކަހަލަ ކަމެއް އައިސްގެން، ނޫނީވިއްޔާ އުފުލަންޖެހުނީ ބަލި މީހަކު، އެ އޮންނަ ޕްރޮސެސްގެ ތެރެއިން އެހީތެރިކަން ހޯދަމުންދަނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ކުރިން ވެސް ވިދާޅުވީ ބޭރު ގައުމުތަކުގެ ސިފައިން ބޭރު ކުރުން ކަމަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ މިހާރު އެއްވެސް އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށެވެ.
"މިހާރު މި ގައުމުގައި ނެތޭ ބޭރުގެ ސިފައިންނެއް. އަޅުގަނޑު ދެންނެވީ މިތާނގައި ތިބި މިލިޓަރީ މީހުން މި ގައުމުގައި ތިބެގެން ނުވާނޭ. މިހާރަކު ނުތިބޭނެ މި ގައުމަކުއެއް އެއްވެސް ގައުމެއްގެ ސިފައިންނެއް އެއްވެސް އެއްޗެއް އޮޕަރޭޓު ކުރާކަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
އިންޑިއާގެ ސިފައިން ފޮނުވާލުމަށްފަހު އިންޑިއާއިން ހަދިޔާކޮށްފައިވާ އޭވިއޭޝަން ޕްލެޓްފޯމްތައް ބޭނުން ކުރަނީ، އިންޑިއާގެ ސިފައިން ކޮންޓްރޯލް ކުރާ ކުންފުންޏެއްގެ މުވައްޒަފުންނެވެ. ނަމަވެސް އެ މުވައްޒަފުންގެ ތަފުސީލު ދޭން ސަރުކާރުން ވަނީ މީގެ ކުރިން ދެކޮޅު ހަދައިފަ އެވެ.
Comment