Advertisement

ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނުދޭން ރައީސް އޮފީހުން ކޯޓަށް ދިޔަކަމެއް ނޭނގޭ: ރައީސް

3 މޭ 2025 - 16:32 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު : އޭނާ ވިދާޅުވީ ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނުދޭން ރައީސް އޮފީހުން ކޯޓަށް ދިޔަކަމެއް ނޭނގޭ ކަމަށް --- ފޮޓޯ: ރައީސް އޮފީސް


ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނުދޭން ރައީސް އޮފީހުން ކޯޓަށް ދިޔަކަމެއް ނޭނގޭ: ރައީސް

3 މޭ 2025 - 16:32 0

ހަރަދު ކުޑަކުރުމުގެ ގޮތުން މިދިޔަ އަހަރު ފަހުކޮޅު ވަކިކުރި ކަމަށް ސަރުކާރުން ބުނާ 228 މީހުންގެ މައުލޫމާތު ހާމަ ކުރަން އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އިން ރައީސް އޮފީހަށް އެންގި އެންގުން ހައި ކޯޓުގައި އިސްތިއުނާފުކުރިކަން ނޭނގޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، މައުލޫމާތު ހާމަކުރުމުގައި ހިފެހެއްޓުމެއް ނޯންނާނެ ކަމަށް ވިދާޅުވަމުން ދަނިކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އަޅުގަނޑަކަށް ނޭނގޭ ތި ކޭސް، ތި ސްޓޭޓަސްގަ ހުރި ކަމެއް. އަޅުގަނޑު ބަލައިލާނަން. މައުލޫމާތު ހިއްސާނުކޮށް. ކޯޓަށް ނުދީ އޮވެގެން ނުވާނެ އިނގޭތޯ،" ރައީސް ވިދާޅުވި އެވެ.

އެ ސުވާލު ތަކުރާރުކޮށް ކުރުމުން ރައީސް ވަނީ މައްސަލަ އޮތް ހިސާބު ބައްލަވައި، ލިޔުމުން ޖަވާބެއް ދޭން ދަންނަވާނެ ކަމަށެވެ. އިތުރަށް އެ ސުވާލާ ގުޅިގެން ވާހަކައެއް ނުދައްކަވަ އެވެ. ރައީސް މިހެން ވިދާޅުވިއިރު މި ސަރުކާރުގައި ތިބި ޖުމްލަ ސިޔާސީ މުވައްޒަފުންގެ އަދަދު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރަން ކަމަށް ބުނެ 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކި ކުރަން ރައީސް އެންގެވީ އޮކްޓޯބަރު 15, 2024, ގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.

ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އައިކޮމްގައި އެދުމުން، ވަކިވަކިން އެ ތިން މައްސަލަ ބަލައި އެ މައުލޫމާތު ރައީސް އޮފީހުން ފަސް ދުވަހުގެ ތެރޭގައި ހާމަ ކުރުމަށް އައިކޮމްއިން ނިންމީ ޑިސެމްބަރު 25، 2024، ގަ އެވެ.

އެ ތިން މައްސަލައިގައި ވެސް އައިކޮމްއިން ނިންމީ ސިޔާސީ މުވައްޒަފުންގެ ނަމާއި، މަގާމާއި، ވަޒީފާ އަދާކުރަމުން އައި ތަނާއި ވަޒީފާއިން ވަކިކުރި ތާރީހަކީ ޒާތީ މައުލޫމާތު ކަމަށް ރައީސް އޮފީހުން ފާހަގަކުރި ނަމަވެސް، އެ މައުލޫމާތު ދިނުމުން މުޅި ރައްޔިތުންގެ މަސްލަހަތު މާ ރަނގަޅަށް ހާސިލުވާނެ ކަމަށެވެ.

މިގޮތުން އެ މައުލޫމާތު ހާމަ ނުކުރުމުން ރައްކާތެރި ކުރެވޭ މަސްލަހަތަށްވުރެ އެ މައުލޫމާތު ހާމަކުރުމުން ރައްކާތެރި ކުރެވޭ މަސްލަހަތު ބޮޑު ކަމަށް ވެސް އައިކޮމްއިން ފާހަގަކުރި އެވެ.

މިނިސްޓްރީތަކުގެ އެކި މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ހަރަދު ކުޑަކުރުމުގެ ގޮތުން އެއްވެސް މުވައްޒަފު ވަކި ކޮށްފައެއް ނުވެ އެވެ.

ނޮވެމްބަރު 17, 2023، ގައި ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓްރީތަކަށް ނުތަކާ ވަރަށް މުވައްޒަފުން ވަނީ އައްޔަނުކޮށްފަ އެވެ. މިއަދާ ހަމައަށް އައިއިރު ވެސް މި ސަރުކާރުގައި ތިބި ޖުމުލަ ސިޔާސީ މުވައްޒަފުންގެ އަދަދެއް ނޭނގެ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ 700 އަށްވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ނުކުރާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް, އެ އަދަދު 2,000 އަށްވުރެ އިތުރުވާނެ ކަމަށް އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން ވަނީ އެނގިފަ އެވެ.