3 މޭ 2025 - 13:14 0
އަހުމަދު އާއިދު
ރައީސް މުއިއްޒު، އިންޑއާގެ ބޮޑުވަޒީރު މޯދީއާއެކު: ރާއްޖެއިން އެންމެ ގިނަ އަސްކަރީ އެއްބަސްވުންތަކެއް ހަދާފައިވަނީ އެ ގައުމާއެކު --- ފޮޓޯ: ރައީސް އޮފީސް
3 މޭ 2025 - 13:14 0
ކުރީ ސަރުކާރުން އެހެން ގައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރު ކަމެއް ނެތް ކަމަށް ވިދާޅުވުމުން އަމާޒުވި ފާޑުކިޔުންތަކާއެކު، އެ އެއްބަސްވުންތަކަށް އިސްލާހު ގެނެސްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުތަކަށް ދިޔުމުގެ ކުރިން ދެއްވި މައުލޫމާތުގައި ރައީސް ވިދާޅުވީ، އެ އެއްބަސްވުންތަކުގައި ކަންބޮޑުވުންތަކެއް ހުރެގެން ނޫޅޭ ކަމަށެވެ. އެކަމާ އެކު ކުރީ ސަރުކާރުގެ ވެރިންނާއި އާންމުން ދަނީ ރައީސަށާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.
މި ފާޑުކިޔުންތަކާއެކު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ކަންބޮޑުވުން އޮތް އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. ދެން ހުރި އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ ކަންކަން އިސްލާހުކުރަން މަޝްވަރާކޮށް ހައްލު ހޯދިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ މީގެ ކުރިން ސަރުކާރުން އަދި އެމަނިކުފާނު ވެސް ހާމަކޮށްފައިވާ މައުލޫމާތެއް ނޫނެވެ.
"މިހާރަކު ނެތޭ ކަންބޮޑުވާންޖެހޭ ކަމެއް. އެކަމަކު އިސްލާހު ގެނެވިފަ އޮތް އެއްބަސްވުން ވިޔަސް ހާމަކުރުމުގަ މި ކޮންފިޑެންޝިއަލިޓީ ކްލޯސް އިންނާތީ ބައިލެޓްރަލް ޑިސްކަޝަންސްތަކެއް އެބަ ކުރިއަށް ދެޔޭ. އެކަންކަން ހިއްސާކުރުމުގަ،" ރައީސް ވިދާޅުވި އެވެ.
އިސްލާހުކުރީ ކޮން ކަންކަމެއްތޯ، ކޮން އެއްބަސްވުންތަކެއްތޯ އެހުމުން ރައީސް ވަނީ އެ ތަފުސީލުތައް ހާމަކުރެވެން ނެތް ކަމާށް ވިދާޅުވެފަ އެވެ. އެ ތަފުސީލުތައް ސިއްރުކުރަން ލަފާދިނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޕީއެންސީން އިދިކޮޅުގައި އޮވެ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ މިދިޔަ ސަރުކާރުތަކުން، ބޭރު ގައުމުތަކާއެކު، ހާއްސަކޮށް އަވަށްޓެރި އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުންނެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ކަމަށްވެސް ރައީސް މުއިއްޒު އަދި ޕީއެންސީގެ އިސް އޮފިޝަލުން މީގެ ކުރިން އެކި ޖަލްސާތަކާއި ހިނގާލުންތަކުގައި ބުނެފައިވެ އެވެ.
އެގޮތުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅުގައި ބިނާކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމާއި ޑޯނިއާ އަދި ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން މި ސަރުކާރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުން ދިރާސާކުރަންވެސް ފެށި އެވެ.
އޭގެތެރެއިން ހައިޑްރޯގްރަފީ އެއްބަސްވުން އުވާލާފައިވާއިރު، ދެން ހުރި އެއްބަސްވުންތަކުގެ މައްސަލަ ބެލުމުގެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ. އެ އެއްބަސްވުންތައް އުވާ ވެސް ނުލަ އެވެ. އަދި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓެއް ފޮނުވައެއް ނުލަ އެވެ.
ހަމައެކަނި ކުރި ކަމަކީ އެ އުޅަނދުތައް ދުއްވަން އަސްކަރީ ޔުނިފޯމުގައި ތިބި މީހުންގެ ބަދަލުގައި، އިންޑިއާގެ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ އެއްބަސްވުމުގައި ތިބި އިންޑިއާ މީހުން ގެނައުމެވެ. އެއަށް ފަހު ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ ވައުދުވީ ގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާފައިވާ ކަމަށެވެ.
Comment