3 މޭ 2025 - 11:42 0
އަހުމަދު އާއިދު
މި ފަހުން އެމްއެންޑީއެފް އަށް ގެނައި އާމާޑް ވެހިކަލްތައް: ރައީސް ވިދާޅުވީ ޓޭންކަރުތައް ގެނައީ ހަނގުރާމައަކަށް ނުކުންނާކަށް ނޫން ކަމަށް --- ފޮޓޯ: އަތޫފް އާތިފް/އަދަދު
3 މޭ 2025 - 11:42 0
ދިވެހި އަސްކަރިއްޔާ އޮތީ ލަދުވެތި ހާލަތެއްގައި ކަމަށާއި މި ފަހުން އަސްކަރީ ވެހިކަލްތަކެއް [ޓޭންކަރުތަކެއް] ގެނައީ ހަނގުރާމައަކަށް ނުކުންނާކަށް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، ދިފާއީ ބާރުގައި ވަރު ހުންނަން ޖެހޭ ކަމަށާއި ވޭތުވެދިޔަ 20 އަކަށް 25 އަކަށް އަހަރު އަސްކަރިއްޔާ އޮތީ އެއްގޮތަކަށް ވެސް އަޅާ ނުލެވި ކަމަށެވެ.
"އެއްގޮތަކަށް ވެސް ޓޭންކަރުތަކެއް ހޯދީކީ ހަނގުރާމައަކަށް ނުކުންނާކަށް ނޫން. އަޅުގަނޑުމެން ޓޭންކަރު މި ހޯދީ ކުރީގަ ހުރި އެއްޗެހި ނުވެސް ދުވަނީ. ނުވެސް ދުވަނީ ހަމަ ހަގީގަތުގަ ވެސް. ލަދުވެތި ހާލަތަކަށް އަޅުގަނޑުމެންގެ އަސްކަރީ ހާލަތު އޮތީ ގޮސްފަ. ދެން އޭގެ ތަފުސީލަކަށް ނުދަމާ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ސިފައިންގޭގެ ފަޔާ އެންޑް ރެސްކިއު އާއި ކޯސްޓު ގާޑު ކުރިއެރުވުމަށް މި ދައުރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަަމަށް ވެސް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ. މިއީ މީގެ ކުރިން ވެސް ތަކުރާރުކޮށް އެކި ޖަލްސާތަކުގައި ރައީސް ދައްކަވާފައިވާ ވާހަތަކެކެވެ.
އެމްއެންޑީއެފްއަށް މި ފަހުން ގެނައީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ސަރުކާރުގެ ޑިފެންސް ކުންފުންޏަކުން އުފައްދާ އަސްކަރީ އުޅަނދުތަކެކެވެ. މިއީ ޔޫއޭއީގެ އެޖް ގްރޫޕް އިން އުފައްދާ 'އަޖްބާން' ސީރީސްގެ ވެހިކަލްތައް ގެންނަން 54 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބެލެވެ އެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ރައީސް އަށާއި ސިފައިންނަށް އަދި ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ. ފާޑުކިޔުންތަކާ ގުޅޭގޮތުން މީގެ ކުރިން ވެސް ރައީސް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.
އެގޮތުން، ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިފާޅުވީ ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރާތީ މަލާމާތް ކުރަނީ ގައުމިއްޔަތުކަމެއް، ގައުމީ ލޯތްބެއް ނެތް ބައެއް ކަމަށެވެ.
"އެކަމާ މަލާމަތްކުރާ މީހުންނަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ގައުމިއްޔަތުކަމެއް ނެތް، ގައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ، ސިޔާސީ ގޮތުން ގޮސް ގައުމު ކޮންމެފަދަ ގޮތަކަށް ވެގެންދިޔަޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް،" އެ ރޭ ރައީސް ވިދާޅުވި އެވެ.
އާމާޑް ވެހިކަލްތައް ނުވަތަ ޓޭންކަރުތަކުގެ އިތުރުން ތުރުކީން ހަދިޔާކުރާ މަނަވަރަށް ބޭނުންވާ މިސައިލާއި ހަތިޔާރު ގަންނަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެ އެވެ. މާލީ އަދި އިޖުތިމާއީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި މި ހަރަދުތައް ކުރާތީ ގިނަ ބަޔަކު ދަނީ ރައީސް އާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.
Comment