3 މޭ 2025 - 06:43 0
އައިޖީއެމް ހޮސްޕިޓަލް. -- ފޮޓޯ: އަދަދު
3 މޭ 2025 - 06:43 0
އައިޖީއެމްޗްގައި އެންމެ ތުއްތު ކުދިންނަށް ފަރުވާ ދޭ ނިއޯނޭޓަލް އައިސީޔޫގައި ބޭހަށް ނުގުޑާ ނުރައްކާތެރި ބައްޔެއް ފެތުރުނުއިރު، އެތަން ސާފު ކުރަން ބޭނުން ކުރަމުން އައި ޑިސްއިންފެކްޓަންޓު ހުރީ ހުސްވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ނިއޯނޭޓަލް އައިސީޔޫގައި ފެތުރުނު ބައްޔަކީ، ސާފުތާހިރުކަމުގެ ހަރުދަނާ މިންގަނޑުތަކަށް ތަބާވި ނަމަ ފެތުރުން ދުރު ބައްޔެއް ކަމަށްވާ ބާކޯލްޑޭރިއާ ސްޕޭޝިއާ އެވެ.
އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރެއް ކަމަށްވާ ނަޒްލާ މުސްތަފާ އަދަދު އާ ވާހަކަ ދައްކަމުން އިއްޔެ ވިދާޅުވީ އެންއައިސީޔޫ ސާފު ކުރަން ބޭނުން ކުރަމުންދިޔައީ ޑިސްއިންފެކްޓަންޓް ވައިޕްސް ކަމަށެވެ. ނަމަވެސް ބަލި ފެތުރުނު އިރު، ޑިސްއިންފެކްޓަންޓް ހުސްވެގެން ބޭނުން ކުރަމުންދިޔައީ ބްލީޗު ކަމަށް އޭނާ ވިދާޅުވި އެވެ.
"[ބަލި ފެތުރުނުއިރު] އަޅުގަނޑުމެން އަލްޓަނޭޓިވް އޮޕްޝަންއަކަށް ބޭނުން ކުރާ އެއްޗެއް، ޔޫސް ކުރި އެކޮޅުގައި. [އަލްޓަނޭޓިވް އޮޕްޝަންއަކީ ސާފު ކުރަން ބޭނުން ކުރާ އެއްޗެހި. [އެއީ] ވެސް ޑިސްއިންފެކްޓަންޓެއް ހަމަ. ބްލީޗް އަޅުގަނޑުމެންގެ އަލްޓަނޭޓިވްއަކީ މިހާރު. [ކުރިން ބޭނުން ކުރީ ޑިސްއިންފެކްޓަންޓް ވައިޕްސް]. ވައިޕްސް ހުންނަ އިރު ފަސޭހަވާނެ ދެއްތޯ ތަންތަން ސާފުކޮށްލަން،" ނަޒްލާ ވިދާޅުވި އެވެ.
އެންއައިސީޔޫ ފަދަ ނާޒުކު ތަނެއް ސާފު ކުރަން ބޭނުން ކުރަމުން އައި ޑިސްއިންފެކްޓަންޓު ހުސްވި ސަބަބު އޭނާއަށް އަދި އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނޭނގޭ ސްޕެސިިކަލީ [ޑިސްއިންފެކްޓަންޓު ނެތް ސަބަބެއް]. އަޅުގަނޑު ވެސް ބަލައިލަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
އެންއައިސީޔޫގައި ފެތުރުނީ ބާކޯލްޑޭރިއާ ސްޕޭޝިއާ އެވެ. ސިއްހީ ހިދުމަތް ދޭ ތަންތަނުގައި އެ ބަލި އާންމުކޮށް ފެތުރެނީ ފަރުވާ ދިނުމަށް ބޭނުން ކުރާ އާލާތްތައް މެދުވެރިކޮށެވެ. އެއީ ސާފުތާހިރުކަމުގެ ހަރުދަނާ ފިޔަވަޅުތައް އަޅާ ނަމަ ފެތުރުން ދުރު ބައްޔެކެވެ. އެއީ ވަރަށް ގިނަ ވައްތަރުގެ ބޭހަށް ނުގުޑާ ނުރައްކާތެރި ބައްޔެކެވެ.
އެންއައިސީޔޫގައި ބަލި ފެތުރެން ފެށީ މާޗް 27، ގަ އެވެ. އެކަމަކު ހޮސްޕިޓަލުން ވަނީ އިއްޔެއާ ހަމައަށް އެކަން ސިއްރުކޮށްފަ އެވެ. ޖުމުލަ ފަސް ކުއްޖަކަށް ވަނީ އެ ނުރައްކާތެރި ބަލި ޖެހިފަ އެވެ. ބަލި ޖެހުނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައި ފަސް ކުއްޖަކަށެވެ. އޭގެ ތެރެއިން ދެ ކުއްޖެއްގެ ހާލު ވަރަށް ދެރަ އެވެ. ހާލު ދެރަ ކުދިން ބޭރަށް ފޮނުވަން މަސައްކަތް ކުރާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
ނަމަވެސް، އިތުރު ފަރުވާ ދިނުމަށް ބޭރަށް ފޮނުވަން ނިންމާފައިވާ ކުދިންގެ އަދަދު ނޭނގޭ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. ހޮސްޕިޓަލުން ބުނީ ބޭރަށް ފޮނުވައިގެން ފަރުވާ ދޭންޖެހޭ ހުރިހާ ކުދިން ބޭރަށް ފޮނުވާނެ ކަމަށެވެ. އެކަން ނިންމާނީ އެ ކުދިންނަށް މިހާރު ފަރުވާ ދޭ ޑޮކްޓަރުން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
3 މެއި 2025, 6 ޛުލްޤަޢިދާ 1446, ހޮނިހިރު | ނަކަތް: ބުރުނު - ބައެއް ރަށްތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވޭ. - ވައިޖެހޭނީ ދެކުނާއި ހުޅަނދު ދެކުނުން 5 މޭލާއި 15 މޭލަށް - ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ - ރާޅުގެ އުސްމިން ހުންނާނީ 2-4 ފޫޓުގަ
Comment