2 މޭ 2025 - 20:12 2
ލީވާން އަލީ ނާސިރު
ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން: އެ ޕާޓީން ޒުވާނުންގެ މުޒާހަރާގައި ބައިވެރިވާން ވަނީ ނިންމާފައި -- ފޮޓޯ: އަދަދު ފައިލް
2 މޭ 2025 - 20:12 2
މާލޭގެ އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ ހައްގުގައި ޒުވާނުން ކޮންމެ ރެއަކު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގައި ބައިވެރިވާން ދަ ޑިމޮކްރެޓްސް އިން މިއަދު ނިންމައިފި އެވެ.
ދަ ޑިމޮކްރެޓްސް އިން ބޭއްވި ނެޝަނަލް އެސެމްބްލީގައި އެ ޕާޓީން ނިންމީ ޕާޓީގެ ކުލަ އާއި ދިދަ ބޭނުން ނުކޮށް ޒުވާނުންގެ މުޒާހަރާގައި ބައިވެރިވުމަށެވެ.
"މި ޕާޓީގެ ކުލަ އާއި ދިދަ ބޭނުން ކުރުމާ ނުލާ، މި ސުލްހަވެރި އިހުތިޖާޖުތަކުގައި ބައިވެރިވެ ޒުވާނުންނަށް ހިތްވަރު ދިނުމަށް މި ޕާޓީގެ އެންމެ މެންބަރުންނަށް އިލްތިމާސްކުރަން،" އެ ޕާޓީން ބުންޏެވެ.
ޑިމޮކްރެޓްސްއިން ބުނީ މުޒާހަރާގައި އެ ޕާޓީން ބައިވެރިވެ، ޒުވާނުން އެދޭ އެހީތެރިކަމެއް އެދޭ މިންވަރަކަށް ފޯރުކޮށްދިނުމަށް ވެސް ތައްޔާރަށް އޮތް ކަމަށެވެ.
މީގެއިތުރުން ޔުމްނުގެ ހައްގުގައި ކުރިއަށް ގެންދާ އެ ސުލްހަވެރި މުޒާހަރާތަކަށް ތާއީދުކުރާކަން ހާމަކޮށް އެ ޕާޓީން ވަނީ ޒުވާނުންގެ ހިތްވަރަށް ސާބަސް ދީފަ އެވެ.
ޒުވާނުން ކުރިއަށް ގެންދާ ސުލްހަވެރި މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ރޭގެ އެއްވުމުގެ ތެރެއަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާވެރިކަމާ އެކު އެއްވުން ރޫޅާލައި ހައްޔަރުކުރި އާއިޝަތު ޝިމަން އަހުމަދާއި އަބްދުﷲ މަހްޒޫމް މާޖިދު ދޫކޮށްލަން ވެސް ޑިމޮކްރެޓްސްއިން ގޮވައިލި އެވެ.
ސުލްހަވެރިކަމާއެކު މުޒާހަރާ ކުރުމަކީ ގާނޫނުއަސާސީ އިން ލިބިދޭ ހައްގެއްކަން ފުލުހުންނަށް ހަނދާންކޮށްދޭ ކަމަށް ޑިމޮކްރެޓްސް މިއަދު ބުނެފައިވެ އެވެ.
Comment