2 މޭ 2025 - 07:05 0
2 މޭ 2025 - 07:05 0
ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (މެއި 2) - ލޮސް އެންޖެލްސް ލޭކާސް (އެލްއޭ ލޭކާސް) އަށް ކުޅެމުން އަންނަ ބާސްކެޓްބޯޅަ ލެޖެންޑް، ލެބްރަން ޖޭމްސް، 22 އަހަރަށް ވުރެ ގިނަ ދުވަސްވީ ޕްރޮފެޝަނަލް ކެރިއަރު ނިންމާލުމާ މެދު ގޮތެއް ނިންމަން އާއިލާއާ އެކު، މަޝްވަރާ ކުރަން ތައްޔާރުވެއްޖެ އެވެ.
ފަސް ވަނަ ފަަހަރަށް އެންބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކުރަން ޖޭމްސް، 40، ކުރި އުންމީދު ނިމުމަކަށް އައީ، އެލްއޭ ލޭކާސް އިން އެންމެ ފަހުން ކުޅުނު މެޗުން، މިނެސޯޓާ ޓިމްބަވުލްވްސް އަތުން ބަލިވުމުންނެވެ. މިއާ އެކު، ޕްލޭއޮފުން ޖާގަ ނުލިބި، އެލްއޭ ލޭކާސް ކެޓީ އެވެ.
މީގެ އެއް އަހަރު ކުރިން، 2024 ވަނަ އަހަރު ލޭކާސްއާ އެކު، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ޖޭމްސް ބުނީ، ކެރިއަރާ ގުޅޭ މުހިންމު ނިންމުމާ މެދު، އާއިލާއާ އެކު، މަޝްވަރާ ކުރަން އޮފް ސީޒަންގެ ބޭނުންކުރާނެ ކަމަށެެވެ.
"(އަންނަ ސީޒަނުގައި ކުޅޭނެ ކަމެއް) މި ވަގުތު ބުނަން ނޭނގޭ، ތިއަށް ދޭނެ ޖަވާބެއް ވެސް ނެތް،" ޖޭމްސް ބުންޏެވެ.
"އަހަރެންގެ އަންހެނުންނާއި އާއިލާ އާއި ދެން، ހެޔޮއެދޭ އެންމެންނާ އެކު، މި މަޝްވަރާތައް ގެންދަން ރަނގަޅު ވަގުތު މިއީ. އަހަރެން ވަރަށް ފުންކޮށް ވިސްނާފައި ކެރިއަރާމެދު ގޮތެއް ކަނޑައަޅާނަން،"
ނިމިދިޔަ ސީޒަނަކީ ޖޭމްސް ގިނަ ރެކޯޑްތަކެއް ހެދި އަހަރެކެވެ.
އެ ގޮތުން، އުމުރުން އެންމެ 18 އަހަރުގައި، ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) މުބާރާތްތައް ކުޅެން ނުކުތް ޖޭމްސް އުމުރުން 40 އަހަރުގައި ވެސް އެ ލެވަލް ހިފަހައްޓައިި، 22 ވަނަ ސީޒަނުގައި ކުޅެ އެންމެ ގިނަ ސީޒަންގައި ކުޅުނު ކުޅުންތެރިޔާގެ ޝަރަފާ އެކު، ތާރީހުން ޖާގަހޯދި އެވެ. އަދި، ޕްރީ ސީޒަަން މެޗެއްގައި ފީނިކްސް ސަންސްއާ ދެކޮޅަށް ކުޅުނު މެޗެއްގައި، އެލްއޭ ލޭކާސް ޓީމަށް ޖޭމްސް އާއި އޭނާގެ ދަރިފުޅު، ބްރޯނީ ޖޭމްސް އެކުގައި ފުރަތަަމަ ފަހަރަށް ރަސްމީ މެޗެއްގައި ކުޅެ ތާރީހީ ކަމެއް ހާސިލްކުރި އެެވެ. މީގެ ކުރިން ބައްޕަ އާއި ދަރިފުޅު، އެންބީއޭ ލެވަލްގެ އެއްވެސް މެެޗެއްގައި އެކުގައި ކުޅެފައި ނުވެ އެވެ. އެހެންކަމުން، ޖޭމްސް ދެބަފައިންނަށް މި ހާސިލްކުރެވުނީ ތާރީހީ ކަމެކެވެ.
ޖޭމްސް ބުނީ، ބްރޯނީއާ އެކު، އެއްކޮށް މެޗެއްގައި ކުޅެ ހެދުނު ރެކޯޑަކީ، މި ސީޒަނުގެ އެންމެ ބޮޑު އުސްއަލި ކަމަށެވެ.
މީގެ އިތުރުން، މިދިޔަ ސީޒަނުގައި ޖޭމްސް ވަނީ، އެންބީއޭގައި 50،000 ޕޮއިންޓް ހަމަކުރި ފުރަތަަމަ ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ. މި ސީޒަނުގައި މުގުރާލި ދެން ހެދި ހާއްސަ ރެކޯޑަކަށް ބަލާއިރު، އެންމެ ގިނަ މެޗު 30 ޕޮއިންޓަށް ވުރެ ގިނައިން ސްކޯކޮށްގެން، މައިކަލް ޖޯޑަން 2003 ވަނަ އަހަރު ހެދި ރެކޯޑް ވެސް ވަނީ މުގުރާލައިފަ އެވެ.
Comment