10 އޮކްޓޯބަރު 2025 - 13:40 0
10 އޮކްޓޯބަރު 2025 - 13:40 0
ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 10) - ލޮސް އެންޖެލްސް ލޭކާސް (އެލްއޭ ލޭކާސް) އަށް ކުޅެމުން އަންނަ ބާސްކެޓްބޯޅަ ލެޖެންޑް، ލެބްރަން ޖޭމްސްގެ 22 އަހަރުވީ ކެރިއަރުގައި ފުރަތަމަ ފަހަރަށް ސީޒަނެއް ފަށާއިރު ނުކުޅެ ހުންނަން ޖެހިއްޖެ އެވެ.
އުމުރުން 40 އަހަރުގެ ޖޭމްސް، ލޭކާސްއާ އެކު ހަދާފައި އޮތް އެއްބަސްވުން، އިތުރު އެއް ސީޒަނަށް ވަނީ އާ ކޮށްފަ އެވެ. ރިޓަޔާކުރުމުގެ ވިސްނުން ލަސްކޮށްލައި، ރެކޯޑް 23 ވަނަ ސީޒަނެއްގައި ކުޅެން ތައްޔާރުވި، ޖޭމްސް މި ފަހަރުގެ ޕްރީ ސީޒަނުގައި ވެސް ނުކުޅެ އެވެ. ބުރަކަަށްޓާއި ފައިގެ ނާރުތަކުގައި ރިއްސާ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ޖޭމްސް އަށް ޕްރީ ސީޒަން މެޗުތަކުގެ އިތުރުން، ލޭކާސް އިން އޮކްޓޫބަރު މަހު ކުޅެން ހަމަޖެހިފައިވާ ފަސް މެޗު ވެސް ގެއްލޭނެ އެވެ.
ޖޭމްސް ކެރިއަރު ފެށީ 2003 ވަނަ އަހަރު، ކްލެވަލޭންޑް ކަވަލިއާސްއާ އެކު އެވެ. އޭގެ ފަހުން، 2010 ވަނަ އަހަރު މިއާމީ ހީޓާ ގުޅި، އެ ޓީމާ އެކު، ދެ ފަހަރު އެންބީއޭ ކާމިޔާބުކުރި އެވެ. އެނބުރި، ކްލެވަލޭންޑަށް ގޮސް، 2016 ވަނަ އަހަރު އެ ޓީމަަށް ފުރަތަމަ ފަހަރަށް އެންބީއޭ ކާމިޔާބުކޮށްދިނެވެ. ލޭކާސްއާ 2018 ވަނަ އަހަރު ގުޅުމަށް ފަހު، އެ ޓީމަށް ކުޅެމުން އަންނަ ޖޭމްސް ވަނީ، 2020 ވަނަ އަހަރު އެ ޓީމާ އެކު، އެންބީއޭ ކާމިޔާބުކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ޖޭމްސް ވަނީ، އެންބީއޭގައި 50،000 ޕޮއިންޓް ހަމަކުރި ފުރަތަަމަ ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ. ފާއިތުވި ސީޒަނުގައި މުގުރާލި ދެން ހެދި ހާއްސަ ރެކޯޑަކަށް ބަލާއިރު، އެންމެ ގިނަ މެޗު 30 ޕޮއިންޓަށް ވުރެ ގިނައިން ސްކޯކޮށްގެން، މައިކަލް ޖޯޑަން 2003 ވަނަ އަހަރު ހެދި ރެކޯޑް ވެސް ވަނީ މުގުރާލައިފަ އެވެ.
ރެގިއުލާ ސީޒަނުގައި، 1562 ޕޮއިންޓް ހޯދާފައިވާ ޖޭމްސް އަށް އިތުރު ރެކޯޑެއް ހަދަން މި ވަގުތު މަދުވަނީ 50 ޕޮއިންޓެވެ. އެއީ، ބޮސްޓޮން ސެލްޓިކްސް ރޮބާޓް ޕެރިޝްގެ ރެކޯޑް މުގުރާލުމަށެވެ.
Comment