Advertisement

ވަޒީފާ އިތުރު ކުރަން ގައުމީ މަސައްކަތެއް ފަށައި، ހުރިހާ ދިވެހިންނަށް ވަޒީފާ ހޯދައިދޭންޖެހޭ: ރައީސް

1 މޭ 2025 - 09:44 1

ރައީސް މުހައްމަދު މުއިއްޒު: ވިދާޅުވީ ދިވެހިންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދޭންޖެހޭ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ވަޒީފާ އިތުރު ކުރަން ގައުމީ މަސައްކަތެއް ފަށައި، ހުރިހާ ދިވެހިންނަށް ވަޒީފާ ހޯދައިދޭންޖެހޭ: ރައީސް

1 މޭ 2025 - 09:44 1

ވަޒީފާ އިތުރު ކުރަން ގައުމީ މަސައްކަތެއް ފަށައި، ހުރިހާ ދިވެހިންނަށް ވަޒީފާ ހޯދައިދޭންޖެހޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ ރަށްވެހިކަމުގެ ގޮތުން ރާއްޖެ ކުރިއަރާނީ، ދިވެހިންނަށް ވަޒީފާ ހޯދައިދިނުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމުން ކަމަށެވެ.

"އެންމެ ދިވެއްސަކު ވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖުތަމައު ގުޅިގެން ގައުމީ މަސައްކަތްތަކެއް ފަށަން ޖެހޭ. ދިވެހިން އެދޭ ތަމައްދުން ހާސިލު ކުރެވޭނީ އޭރުން،" ރައީސް ވިދާޅުވި އެވެ.

ކުޑަކުދިންނަކީ މަސައްކަތަށް އަހުލުވެރި ބަޔަކަށް ހެދުމަށް ވެސް ރައީސް މުއިއްޒުގެ ހިތާބުގައި އިލްތިމާސް ކުރެއްވި އެވެ.

"މަސައްކަތްތެރީންގެ ބައިނަލްއަގްވާމީ ދުވަހު، ދިވެހި ކޮންމެ ބެލެނިވެރިއަކަށް އަޅުގަނޑުގެ އިލްތިމާސަކީ، ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ހާއްސަ ސަމާލުކަމެއް ދިނުން،" އެމަނިކުފާނު ވިދާޅުވި އެވެ.

މަސައްކަތްތެރިންނަށް ލިބޭ އާމްދަނީ އިތުރު ކުރަން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރުން އަބަދުވެސް މަސައްކަތްތެރިންގެ އަޑު އަހާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތެވެ.

"އެހެންކަމުން، މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމި އޮންނާނެ،" ރައީސް ވިދާޅުވި އެވެ.

މަސައްކަތުގެ އަހުލާގާއި ހުނަރު ދިވެހިންނަށް ދަސްކޮށްދޭންޖެހޭ ކަމަށް ވެސް ރައީސްގެ ހިތާބުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަހުލާގާއި، ހުނަރު ދަސްކޮށްދިނުން ތައުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭ. ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާން ޖެހޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.