Advertisement

ރާއްޖެ އިޝްތިހާރުކުރަން އެމިރޭޓްސް އެއާލައިނާ އެކީ އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 އޭޕްރީލް 2025 - 17:10 0

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ އާއި އެމިރޭޓްސް ގުރޫޕުގެ ޗެއާމަން އަދި ސީއީއޯ ޝެއިހު އަހުމަދު ބިން ސައީދު އަލް މަކްތޫމް އެމްއޯޔޫގައި ސޮއިކުރައްވަނީ: އެމިރޭޓްސްއަކީ ރާއްޖެއަށް އެންމެ ގިނައިން ދަތުރުތައް ކުރާ ބައިނަލްއަގުވާމީ އެއާލައިން --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ


ރާއްޖެ އިޝްތިހާރުކުރަން އެމިރޭޓްސް އެއާލައިނާ އެކީ އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 އޭޕްރީލް 2025 - 17:10 0

އެމިރޭޓްސް އެއާލައިނާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމިރޭޓްސްއިން ރާއްޖެ އިޝްތިހާރުކުރުމުގެ އެމްއޯޔޫގައި ސޮއިކުރީ ދުބާއީގައި މިހާރު ކުރިއަށްދާ އެރޭބިއަން ޓްރެވަލް މާކެޓުގެ ތެރެއިންނެވެ.

މި އެމްއޯޔޫގެ ދަށުން އެމިރޭޓްސްއިން އެ ކުންފުނީގެ މުޅި ވިއުގައިގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމާއި، ފެމިލިއަރައިޒޭޝަން ދަތުރުތައް އިންތިޒާމުކުރުމުގެ އިތުރުން އެމްއެމްޕީއާރްސީއާ ގުޅިގެން ޕްރޮމޯޝަންތައް ހިންގުން ފަދަ ކަންތައްތައް ހިމެނޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.

އެމްއޯޔޫގައި ސޮއިކުރުމުގެ ކުރިން ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވަނީ އެމިރޭޓްސް ގުރޫޕުގެ ޗެއާމަން އަދި ސީއީއޯ ޝެއިހު އަހުމަދު ބިން ސައީދު އަލް މަކްތޫމް އާ ބައްދަލުކުރައްވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި ތޯރިގު ވަނީ ދިވެހިރާއްޖެ ދުނިޔެއާ ގުޅުވައިދިނުމަށް އެ އެއާލައިނުން އަދާކުރަން މުހިންމު ދައުރާއި ޓޫރިޒަމް ސިނާއަތު ދެމެހެއްޓުމާއި ކުރިއެރުވުމަށް އެ އެއާލައިނުން ކޮށްދީފައިވާ މަސައްކަތް ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ވަކިން ހާއްސަކޮށް ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވުމުން އެމިރޭޓްސް އިން ހިދުމަތްތައް އަލުން ފެށި ބާރު ދުވެލި މިނިސްޓަރު ފާހަގަކުރެއްވި ކަމަށް ޓޫރިޒަމުން ބުންޏެވެ.

އެމިރޭޓްސްއަކީ ރާއްޖެއަށް އެންމެ ގިނައިން ދަތުރުތައް އަޅާ ބައިނަލްއަގުވާމީ އެއާލައިނެވެ. އެ އެއާލައިނުން ދުވާލަކު ރާއްޖެއަށް ފަސް ދަތުރު ކުރެ އެވެ.

ޓޫރިޒަމުން ހިއްސާކުރި ބައެއް ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ އަހަރު އެކަނި އެ އެއާލައިނުން 339،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ގެނެސްދީފައިވެ އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 91،000 އަށް ވުރެ ގިނަ ޓޫރިސްޓުން އެ އެއާލައިނުގައި ރާއްޖެ އައިސްފައިވެ އެވެ.

އެމްއެމްޕީއާރުސީއާ އެކީ ސޮއިކުރި އެއްބަސްވުމުގެ ކުރިން އެމިރޭޓްސްއިން ވަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއާ އެކީ ވެސް ޕާޓްނާޝިޕެއް ހަދާފަ އެވެ. މި ޕާޓްނާޝިޕްގެ ދަށުން އެ އެއާލައިނުން އަންނަނީ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ވިއުގަ ތަރައްގީކުރުމަށް އެހީވެދެމުންނެވެ.