Advertisement

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ދިނުމާމެދު ވިސްނަންޖެހޭ: ހުސައިން ހަމީދު

30 އޭޕްރީލް 2025 - 11:50 5

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުޑަހުވަދޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ހަމީދު: ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ދޭން ޖެހޭ ސަބަބާ މެދު ތަޅުމުގައި ސުވާލު އުފެއްދި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ދިނުމާމެދު ވިސްނަންޖެހޭ: ހުސައިން ހަމީދު

30 އޭޕްރީލް 2025 - 11:50 5

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ދިނުމާމެދު ނުވިސްނަނީ ކީއްވެތޯ ސުވާލު އުފައްދަވައި ކުޑަހުވަދޫ ދާއިރާގެ މަޖިލިސް މެންބަރު ވާހަކަ ދައްކަވައިފި އެވެ.

ވަކި އަހަރަކަށްވުރެ ވުރެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ހުސައިން ހަމީދު ވިދާޅުވީ އާސަންދައިން އެންމެ ބޮޑު ހަރަދެއް ކުރަނީ ގައިންގަޔަށް ނާރާ ބަލިތަކަށް ކަމަށެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ބޮޑު އިންސައްތައަކީ ދުންފަތާ ގުޅިގެން ޖެހޭ ބަލިތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ހަގީގަތުގައި އަޅުގަނޑުމެންގެ ޓެކްސް ފައިސާއިން ކުރާ ހޭދަ މިއަށް ވުރެ ޒިންމާދާރު ކަމާއެކު ކުރަން އެބަ ޖެހޭ، އަޅުގަނޑު ބައެއްފަހަރު ހިތަށް އަރާ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ނޫނީ އެ ބޭފުޅުންނަށް އާސަންދަ ދިނުމާމެދު އަޅުގަނޑުމެން ކީއްވެ ބާއޭ ނުވިސްނަނީ،" ހުސައިން ހަމީދު ވިދާޅުވި އެވެ.

"މިއީ ހަގީގަތުގައި ވެސް ދެ ފަހަރަށް ކުރެވޭ ހަރަދެއް، ދުންފަތަށް ހަރަދުކޮށްފައި އާސަންދައަށް އަޅުގަނޑުމެން މި ހަރަދު ކުރަނީ،"

އޭނާ ވިދާޅުވީ މިފަދަ ގާނޫނެއް ފާސް ކުރެވިގެންދާއިރު، މަގުތައް މަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން ވެސް އެއީ މަނާ ކުރަންޖެހޭ ކަމެއް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މިހާރު ކަން ހިނގާ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ފުށުން އެހެން މީހުންނަށް ވެސް އޭގެ އުނދަގޫ ޖެހޭ ކަމަށެވެ.

މީގެ ކުރިން ވެސް ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ލިބޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭރު މި ވާހަކަތައް ދެއްކީ ދުންފަތުގެ ޓެކްސް ބޮޑުކޮށް، ވޭޕުގެ ބާވަތްތައް މަނާ ކުރުމުގެ ބިލަށް މަޖިލީހުގައި ބަހުސް ކުރަމުންނެވެ.