Advertisement

ރިޔާސީ ކޮމިޝަނުން މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ، އޮފީސް ހެދީ ކުރީގެ ސައުދީ އެމްބަސީ އިމާރާތުގައި

29 އޭޕްރީލް 2025 - 20:15 2

ރިޔާސީ ކޮމިޝަނުގެ ރައީސް ޑރ. މުނައްވަރު: ކޮމިޝަނުގެ މައިގަނޑު މަގްސަދަކީ ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުން -- ފޮޓޯ: އަދަދު ފައިލް


ރިޔާސީ ކޮމިޝަނުން މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ، އޮފީސް ހެދީ ކުރީގެ ސައުދީ އެމްބަސީ އިމާރާތުގައި

29 އޭޕްރީލް 2025 - 20:15 2

މާލޭގެ އުސް އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ހަގީގަތް ހޯދަން އެކުލަވައިލި ރިޔާސީ ކޮމިޝަނުން މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި މާދަމާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ ކޮމިޝަނުގެ ހުރިހާ މެންބަރުން ބައިވެރިވާނެ އެވެ. އެ ކޮމިޝަނުގައި ފަސް މެންބަރުން ހިމެނެ އެވެ.

ރިޔާސީ ކޮމިޝަން ހިންގާނެ އޮފީހެއް ވެސް މިހާރު ގާއިމްކޮށްފައިވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ. އެ ކޮމިޝަނުގެ އޮފީސް ހަދާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރީ ހުންނަ، ސައުދީ އަރަބިއްޔާގެ އެމްބަސީ ހިންގި އިމާރާތުގަ އެވެ.

ރިޔާސީ ކޮމިޝަނުގެ ރައީސްއަކީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ. އޭނާގެ އިތުރުން ދެން އެ ކޮމިޝަނުގައި ހިމެނެނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި މެޑިކަލް ޑޮކްޓަރެއް ކަމަށްވާ މޫސާ މުރާދާއި ކްލްނިކަލް ނަރުހެއް ކަމަށްވާ ޖަބީން މުހައްމަދާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިސް ވެރިއެއް ކަމަށްވާ އައިމިނަތު އީނާސް އެވެ.

ޔުމްނުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަން އުފެއްދީ މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެންމެ ފުރަތަމަ އެ ކޮމިޝަނަށް އައްޔަން ކުރީ ތިން މެންބަރުންނެވެ. އެއީ ޑރ. މުނައްވަރާއި އަހުމަދު މުހައްމަދާއި ޑރ. މުހައްމަދު ހަބީބެވެ. އެކަމަކު، ހަބީބު ވަނީ އެ ކޮމިޝަނުން ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. ހަބީބު އިސްތިއުފާ ދެއްވުމުން އެ ކޮމިޝަނަށް އަލުން ތިން މެންބަރުން އައްޔަން ކުރީ އިއްޔެ އެވެ.

ރިޔާސީ ކޮމިޝަނުގެ މައިގަނޑު މަގްސަދަކީ މި ހިނގާ އޭޕްރީލް 18، ގައި ޔުމްނު ވެއްޓިފައި އޮތް ހާދިސާގެ ހަގީގަތް ހޯދުމެވެ. އަދި އެ މައްސަލައިގައި ފުލުހުން ހިންގާފައިވާ ތަހުގީގު ހިންގި ގޮތް ބެލުމަކީ ވެސް ރިޔާސީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.

ޔުމްނުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ގޮތާމެދު އާންމުންގެ ވަރަށް ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު މައްސަލައަކީ ފުލުހުން ކިޔައިދީފައިވާ ވާހަކަތައް ދިމާނުވުމެވެ. އަދި އެ މައްސަލައިގައި ހިމެނޭ މީހުންނާމެދު އާންމު އުސޫލާ ހިލާފަށް ލުއި ގޮތަކަށް އަމަލު ކުރި ކަމަށް ވެސް ފުލުހުންނަށް ތުހުމަތު ކުރެވެ އެވެ.

ޔުމްނު ވެއްޓުނު ރޭ އެންމެ ފަހުން އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. އޭނާ ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ބުނީ ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އެކަމަކު އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ، ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށާއި އެ ރޭ އޭނާއާ ޔުމްނުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފެއްދީ އޭނާއަށް އިންސާފު ހޯދައިދިނުމަށް އެދި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފަށައި، އެ މައްސަލައިގައި މިނިވަން އިންކުއަރީއެއް ހިންގުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުން ގޮވައިލުމުންނެވެ.