Advertisement

މިނިސްޓަރު އަމީންގެ ގޭގެ ސީސީޓީވީ ހަލާކުވެފައިވާ ކަމަށް ބުނެ ފުޓޭޖު ފުލުހުންނަށް ނުދިން

28 އޭޕްރީލް 2025 - 20:44 5

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން: މިނިސްޓަރު އަމީންގެ ގޭގެ ސީސީޓީވީ ހަލާކުވެފައިވާ ކަމަށް ބުނެ ފުޓޭޖު ފުލުހުން ދީފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް


މިނިސްޓަރު އަމީންގެ ގޭގެ ސީސީޓީވީ ހަލާކުވެފައިވާ ކަމަށް ބުނެ ފުޓޭޖު ފުލުހުންނަށް ނުދިން

28 އޭޕްރީލް 2025 - 20:44 5

މާލޭގެ އުސް އިމާރާތެއްގެ މަތިން މިދިޔަ އޭޕްރިލް 18، ގައި ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާ ގުޅިގެން ތަހުގީގަށް ބޭނުންވާ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ ގެ، މއ. މާންދޫގޭގެ ދެކުުނު ގޭގެ ސީސީޓީވީ ފުޓޭޖު ހަލާކުވެފައިވާކަން ފުލުހުންނަށް އަންގައިފި އެވެ.

އަދަދު އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން ބުނީ އަމީންގެ ގޭގެ ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ނުދިނީ ސީސީޓީވީ ކެމެރާ ހަލާކުވެފައި ހުރި ކަމަށް ބުނެ ކަމަށެވެ.

"މއ. މާންދޫގެ ދެކުނު ގޭގެ ސީސީޓީވީ ފުޓޭޖު ފުލުހުންގެ ތަހުގީގަށް ލިބިފައި ނުވޭ. އެގެއިން ފުލުހުންނަށް މައުލޫމާތު ދީފައިވަނީ ސީސީޓީވީ ކެމެރާ ހަލާކުވެފައިވާ ކަމަށް،" ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ސީސީޓީވީ ފުޓޭޖު ނެތްކަން ކަށަވަރު ކުރުމަށް ފުލުހުން ކުރި މަސައްކަތުން ފުޓޭޖު ނެތްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާ ހިނގި ހ. ފެންޓެނޯއި ގެއަށް އޭނާ އާއި ރައުދު އަހުމަދު ޒިލާލް ދިޔުމުގެ ކުރިން މ. ކަށިވެލި ގޭގެ އިތުރުން ހ. ކަށިވެލިގެއަށް ދިޔަ އެވެ. ފެންޓެނޯއީގެއިން ޔުމްނު ވެއްޓުނުއިރު އޭނާއާ އެކު އުޅުނީ ރައުދު އެވެ.

ތުހުމަތުތައް އަމާޒުވެފައިވާ ގޮތުން ހާދިސާ ހިނގުމުގެ ކުރިން ޔުމްނު އާއި ރައުދު މިނިސްޓަރު އަމީންގެ ގެއަށް ގޮސް "މަސްތު ޕާޓީ" އެއްގައި ބައިވެރިވި އެވެ. އެކަން ފުލުހުން ފުރަތަމަ ސިއްރު ކުރުމަށްފަހު މީޑިއާތަކަށް ހާމަކޮށް އަމީންގެ ގެ ބަލައި ފާސްކުރީ ހަ ދުވަސް ފަހުންނެވެ.

މިނިސްޓަރު އަމީންގެ ގެ ފުލުހުން ބަލައި ފާސްކުރުން ލަސްވުމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވި އެވެ. އަދި ހެކި ނައްތާލަން ފުރުސަތު ދިން ކަމުގެ އިނގިލިތައް ވެސް އެ މުއައްސަސާއަށް އަމާޒުވި އެވެ.

އެ ގެ ބަލައި ފާސްކުރުމަށްފަހު ފުލުހުން ފަހުން ބުނެފައި ވަނީ މިނިސްޓަރު އަމީންގެ ގެއިން ހާދިސާއާ ގުޅޭ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މިހާތަނަށް ހައްޔަރުކުރީ ރައުދު އެކަންޏެވެ. އޭނާގެ ބަންދަށް މިދިޔަ ހުކުރު ދުވަހު ފަސް ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިފަ އެވެ.

ނަމަވެސް އެ މައްސަލައިގައި ހިމެނޭ މިނިސްޓަރު އަމީންގެ ގޭގައި "މަސްތު ޕާޓީ" ގައި ބައިވެރިވި މީހުން ހައްޔަރު ނުކުރާތީ އެކަމާ ގުޅިގެން އާންމުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން ޔުމްނުގެ ހައްގުގައި ކުރާ ޒުވާނުން ކޮންމެ ރެއަކު ކުރާ މުޒާހަރާގައި ވެސް އެކަމަށް އަންނަނީ ގޮވާލަމުންނެވެ.

މީގެއިތުރުން މިނިސްޓަރު އަމީން އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދިޔަ ނަމަވެސް، އޭނާ މި ނޫހަށް ވިދާޅުވީ އިސްތިއުފާ ދޭން ނުވެސް ވިސްނާ ކަމަށެވެ.