Advertisement

ތަހުގީގަށް ރައުދު އެއްބާރުލުން ދޭން ފަށައިފި ކަމަށް ފުލުހުން ބުނެފި

28 އޭޕްރީލް 2025 - 15:54 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައުދު އަހުމަދު ޒިލާލު: ފުލުހުންގެ ތަހުގީގަށް އޭނާ އެއްބާރުލުން ދޭން ފަށާފައިވާ ކަމަށް ފުލުހުން ބުނޭ --


ތަހުގީގަށް ރައުދު އެއްބާރުލުން ދޭން ފަށައިފި ކަމަށް ފުލުހުން ބުނެފި

28 އޭޕްރީލް 2025 - 15:54 0

އޭޕްރިލް 18، ވަނަ ދުވަހު މާލޭގެ އުސް އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް 21، ތަހުގީގަށް އެއްބާރުލުން ދޭން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޔުމްނު ވެއްޓުނު ހާދިސާއަށް ހަ ދުވަސްވީ ފަހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރައުދު ހައްޔަރުކުރީ އެކަމާ ގުޅިގެން އޭނާ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލްއާ އަދަދު އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނީ ތަހުގީގަށް ލިބެންޖެހޭ އެއްބާރުލުން ރައުދުގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

"ރައުދުގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ދަނީ ލިބެމުން،" ފުލުހުން ބުންޏެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ފުރަތަމަ ބުނީ އޭނާ ވެއްޓުމުގައި އެއްވެސް މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އެކަމަކު ފުލުހުންގެ ރާގު ބަދަލުވެ ފަހުން ފުލުހުން ބުނެފައި ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ކޯޓު އަމުރުގައި ބުނުމުންނެވެ.

އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް ދިން މައުލޫމާތުން އެނގޭ ގޮތުގައި ފުލުހުން ރައުދު ހައްޔަރުކުރުމުގެ ކޯޓު އަމުރުގައި ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި އޭނާ ހުރުމުގެ އިތުރުން ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމަށް ބެލެވޭކަން ވެސް ބަޔާންކޮށްފައިވެ އެވެ.

އޭގެއިތުރުން މިދިޔަ ހުކުރު ދުވަހު ރައުދުގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖެހި އަމުރުގައި ރައުދު އާއި ޔުމްނުއާ ދެމެދު ޔުމްނު ވެއްޓުނު ރޭ ދެބަސްވުމެއް ހިނގިކަމަށް ފުލުހުން ބުނި ކަމަށް ބަޔާންކޮށްފައިވެ އެވެ.

ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓި، ޖެހިގެން ހުރި ގުދަނުގެ ފުރާޅުމަތީގައި އޮއްވައި ފެނުނީ އޭޕްރިލް 18، ވަނަ ދުވަހުގެ ހެނދުނު އެވެ. އޭނާއަށް ލިބިފައިވާ އަނިޔާތައް ސީރިއަސްކަމުން މެލޭޝިއާއަށް ގެންގޮސް ދަނީ ފަރުވާދެމުންނެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުން ދަނީ ކޮންމެ ރެއަކު އޭނާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި އިހުތިޖާޖު ކުރަމުންނެވެ.