28 އޭޕްރީލް 2025 - 11:11 0
28 އޭޕްރީލް 2025 - 11:11 0
ބޮޒެން ސްޕްރިން އިންޓަނޭޝަނަލް ސްޕްރިން ޓޯނަމެންޓް އޮފް ބޮލްޒާނޯ 2025 ގައި ވާދަކޮށް، ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ، ލައިބާ އަހުމަދު މަހްލޫފު (އެލީ) ދެ ބްރޯންޒް މެޑަލް ހޯދައިފި އެވެ.
އިޓަލީގައި 20 ގައުމަކުން، 330 ކުޅުންތެރިންނާ އެކު ކުރިއަށްދިޔަ މި މުބާރާތުގައި ލައިބާ މެޑަލް ހޯދީ، އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ކެޓަގަރީގައި ވާދަކޮށެވެ. މިކްސް ޑަބަލްސްގައި ލައިބާގެ ޕާޓްނަރަކީ، ސްލޮވީނިއާގެ މަޓިޗް ނެޒް އޮގޮރެލެޗް އެވެ. އަދި، އަންހެން ޑަބަލްސްގައި ލައިބާގެ ޕާޓްނަަރަކީ، ޖަރުމަނުގެ މެރީ އުލްމަން އެވެ.
ތޭރަ އަހަރުން ދަށުގެ ކެޓަގަރީގައި ލައިބާ ވާދަކުރިއިރު، ސިންގަލްސް ބައިން ވާދަކޮށް ލައިބާ ކެޓީ ކުއާޓާ ފައިނަލާ ހަމައިންނެވެ. ކުއާޓާ ފައިނަލުގައި ސްވިޒަލެންޑްގެ އެލިއާ ޑުކް އަތުން ލައިބާ ބަލިވީ 21-14، 21-17 އިންނެވެ.
އަންހެން ޑަބަލްސް ސެމީ ފައިނަލުގައި ލައިބާ އާއި މެރީގެ ޕެއާ ބަލިވީ ތިން ސެޓު ކުޅެގެން ސްވިޒަލެންޑްގެ އެލިއާ އާއި ނީލާ ޖާމަންގެ ޕެއާ އަތުންނެވެ. ސެޓުތައް ދިޔައީ، 19-21، 21-10 އަދި 21-17 އިންނެވެ. މިކްސް ޑަބަލްސް ސެމީ ފައިނަލުގައި ލައިބާ އާއި މަޓިޗްގެ ޕެއާ ބަލިވީ، އެލިއާ އާއި ޖޮނަތަން ވޯލްކަންގެ ޕެއާ އަތުން ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 21-14، 21-13 އިންނެވެ.
މި މުބާރާތުގައި، އިޓަލީ، ޖަރުމަނު، އޮސްޓްރިއާ، ސްވިޒަލެންޑް، ސްލޮވީނިއާ، ޕޮލެންޑް، ކްރޮއޭޝިއާ، ސްލޮވާކިއާ، އާރްމީނިއާ އަދި ޗެކް ރިޕަބްލިކްގެ ފެންވަރު ރަނގަޅު ކުޅުންތެރިން ވާދަކޮށްފައިވެ އެވެ.
މިދިޔަ އަހަރުތަކުގައި، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ލައިބާ ގިނަ މެޑަލްތަކެއް ހޯދި އެވެ. އެ ގޮތުން، މިދިޔަ އަހަރު، އިންޓަނޭޝަނަލް މުބާރާތްތަކުގެ 13 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް، ހަތް ލޯ މެޑަލާއި ދެ ރިހި މެޑަލް ލައިބާ އަށް ލިބިފައިވެ އެވެ.
Comment