28 އޭޕްރީލް 2025 - 10:50 0
28 އޭޕްރީލް 2025 - 10:50 0
ރާއްޖޭން ބޭރުގައި މި ވަގުުތު ޓްރެއިނިން ހަދަމުން އަންނަ ގައުމީ ސްވިމިން ޓީމުގެ ހަމްނާ އަހުމަދު، ހަ އަހަރުވީ ގައުމީ ރެކޯޑެއް އާ ކޮށްފި އެވެ.
އެ ގޮތުން، ރާއްޖޭގެ އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ހަމްނާ އާ ކުރީ، ހަންގޭރީގައި ކުރިއަށް ދިޔަ އެ ގައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްގައި ވާދަކޮށެވެ.
ފެތުމުގެ ގިނަ ގައުމީ ރެކޯޑްތަކެއް މި ވަގުތު ވެސް އޮތް، ޙަމްނާ، ލޯންގް ކޯސް 200 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާ ކުރީ 03:03.69 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އޮތީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލުކޮށް ކާމިޔާބީތަކެއް ވެސް ހާސިލްކުރި އައިޝަތު ސާޖިނާ އަތުގަ އެެވެ. އެއީ، 2019 ވަނަ އަހަރު ބޭއްވުނު 18 ވަނަ ފީނާ ވޯލްޑް ސްވިމިންް ޗެމްޕިއަންޝިޕްގައި ވާދަކޮށް ސާޖިނާ ހެދި ރެކޯޑެކެވެ. އެ ފަަހަރު، ސާޖިނާ ރެކޯޑް ހެދި ޓައިމިން އަކީ، 03:04.53 އެވެ.
ހަންގޭރީގައި ކުރިއަށް ދިޔަ އެ ގައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް ހަމްނާ ވަނީ ނުވަ އަހަރުވީ ގައުމީ ރެކޯޑެއް ވެސް މުގުރާލައިފަ އެެވެ. އެ ގޮތުން، ހަމްނާ މުގުރާލައިފައި ވަނީ، ރާއްޖޭގެ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އެވެ. މި ރެކޯޑް އެންމެ ފަހުން ހެދީ، ވެސް ސާޖިނާ އެވެ. އެއީ، 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން އެކުއަޓިކްސް ޗެމްޕިއަންޝިޕްގަ އެވެ. އެއީ އެ މުބާރާތުގެ އެ އިވެންޓު، 01:24.65 އިން ނިންމައިގެންނެވެ.
ހަމްނާ، އެ ރެކޯޑް މުގުރާލީ ހަންގޭރީގައި ކުރިއަށްދާ އެ ގައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްގެ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ވާދަކޮށްގެންނެވެ. ހަމްނާ ރެކޯޑް އާ ކުރި ޓައިމިން އަކީ، 01:23.38 އެވެ.
Comment