Advertisement

އައިޕީއެލް: ރެކޯޑަކާ އެކު ބެންގަލޫރު އެއް ވަަނަ އަށް

28 އޭޕްރީލް 2025 - 10:28 0


އައިޕީއެލް: ރެކޯޑަކާ އެކު ބެންގަލޫރު އެއް ވަަނަ އަށް

28 އޭޕްރީލް 2025 - 10:28 0

ދިއްލީ، އިންޑިއާ (އޭޕްރީލް 28) - އިންޑިއަން ޕްރިމިއާ ލީގުގައި ރޭ ދިއްލީ ކެޕިޓަލްސް އަތުން ހަ ވިކެޓުން މޮޅުވެ، ރެކޯޑް ކާމިޔާބީ އަކާ އެކު، ރޯޔަލް ޗެލެންޖާސް ބެންގަލޫރުން ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި އެެވެ.

މި ފަހަރުގެ އައިޕީއެލްގައި ބެންގަލޫރުން ވަނީ ރަށުންބޭރުގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެފަ އެވެ. އެއާ އެކު، އެ ޓީމު ވެފައިވަނީ އައިޕީއެލްގެ 18 އަހަރުވީ ތާރީހުގައި ވެސް ރަށުންބޭރުގައި ޖެހިޖެހިގެން ހަ މެޗުން މޮޅުވި ފުރަތަމަ ޓީމަށެވެ.

އަރުން ޖައިޓްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން، ބެންގަލޫރުން ނިންމީ ހޮވާށެވެ. ދިއްލީން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 162 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިން، ކޭއެލް ރާހުލް ނުބައިވީ، 39 ބޯޅައިން 41 ލަނޑު ހަދާފައިވަނިކޮށެވެ. މި އިނިންގްސްގައި ބެންގަލޫރުގެ ބުވްނޭޝްވަރު ކުމާރު ތިން ވިކެޓް ނެގިއިރު، ޖޯޝް ހޭޒްލްވުޑް ވަނީ ދެ ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ކުޅެން އަަރައި ބެންގަލޫރު މޮޅުވީ، 18.3 އޯވަރު ތެރޭ ހަތަރު ކުޅުންތެރިން ނުބައިވެގެން، 165 ލަނޑު ހަދައިގެންނެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ވިރާތު ކޯލީ އާއި ކްރުނާލް ޕާންޑްޔާ އެވެ. ވިރާތު ނުބައިވީ، 47 ބޯޅައިން 51 ލަނޑު ހަދާފައިވަނިކޮށެވެ. އަދި، ކްރުނާލް ނުބައިނުވެ، 47 ބޯޅައިން 73 ލަނޑު ހެދި އެވެ.

މި މޮޅާ އެކު، ބެންގަލޫރު އެއް ވަނައިގައި އޮތީ، 10 މެޗުން 14 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ގުޖުރާތު ޓައިޓަންސް، ތިން ވަނައިގައި އޮތް މުމްބައި އިންޑިއަންސް އަދި، ހަތަރެއްގައި އޮތް ދިއްލީ އަށް 12 ޕޮއިންޓް ލިބިފައިވާއިރު، ގުޖުރާތުން ކުޅުނީ އަށް މެޗެވެ. މުމްބައި އިން 10 މެޗު ކުޅުނުއިރު، ދިއްލީން ވަނީ ނުވަ މެޗު ކުޅެފަ އެވެ.

މުމްބައި އިން ވަނީ އިއްޔެ 54 ލަނޑުން ލަކްނައު ސުޕަ ޖަޔަންޓްސް ބަލިކޮށްފަ އެވެ. މި މެޗުގައި، ހަތަރު ވިކެޓް ނެގި ޖަސްޕްރީތު ބުމްރާ އަކީ، އައިޕީއެލް ތާރީހުގައި މުމްބައި އަށް އެންމެ ގިނަ ވިކެޓް ނަގައިިދިން ކުޅުންތެރިޔާ އެވެ. ފަސް ފަހަރު އައިޕީއެލް ޗެމްޕިއަންކަން ހޯދި މުމްބައި އަށް އެންމެ ގިނަ ވިކެޓް ނަގައިިދިނުމުގެ ރެކޯޑް ކުރި އޮތީ 170 ވިކެޓް ނެގި ސްރީ ލަންކާގެ ލަސިތު މަލިންގާ އަތުގަ އެވެ. ބުމްރާ ވަނީ މިހާތަނަށް 174 ވިކެޓް ނަގައިފަ އެވެ.