Advertisement

އިންޓަ ބަލިވުމުގެ ފައިދާ ނަޕޯލީން ރަނގަޅަށް ނަގައިފި

28 އޭޕްރީލް 2025 - 08:52 0


އިންޓަ ބަލިވުމުގެ ފައިދާ ނަޕޯލީން ރަނގަޅަށް ނަގައިފި

28 އޭޕްރީލް 2025 - 08:52 0

ނޭޕްލްސް، އިޓަލީ (އޭޕްރީލް 28) - އިޓާލިއަން ލީގުގެ ތަށްޓަށް ވާދަކުރާ އިންޓަ މިލާން ރޭ ކުޅުނު މެޗުން ބަލިވެފައި އޮއްވައި، ނަޕޯލީން ކުޅެން ޖެހޭ މެޗަށް ނުކުމެ، 2-0 އިން ޓޮރިނޯ ބަލިކޮށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އިންޓަ އިން ރޭ ކުޅުނު މެޗުގައި ރޯމާ އަތުން ބަލިވީ 1-0 އިންނެވެ. މި މެޗުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ރޯމާ އަށް ޖަހައިދިނީ މަޓިއަސް ސޫލާ އެވެ.

ނަޕޯލީން ހޯދި މޮޅާ އެކު، އެ ޓީމު އެއް ވަނައިގައި އޮތީ، 34 މެޗުން 74 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް ލިބިފައިވަނީ، 34 މެޗުން 71 ޕޮއިންޓެވެ. ދެ ޓީމަށް ވެސް ލީގުގައި ބާކީ އޮތީ ހަތަރު މެޗެވެ. ނަޕޯލީ އަތުން ދެން ލީގު ގެއްލެން އޮތީ އެ ޓީމު މެޗަކުން ބަލިވެގެންނެވެ. ދެ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ، ޗެމްޕިއަން ކަނޑައަޅަން ވަކި މެޗެއް ކުޅޭނެ އެވެ. އެ މެޗު ކުޅޭނީ، މި ދެ ޓީމުގެ ތެރެއިން، ލަނޑުގެ ތަފާތަށް ބަލާއިރު، ރަނގަޅު ޓީމެއްގެ ދަނޑުގަ އެވެ.

ރޭ ޓޮރިނޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެން ނުކުތް ނަޕޯލީން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމަށް ދެ ލަނޑު ވެސް ޖަހައިދިނީ، މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، މި ސީޒަނުގައި ނަޕޯލީ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްކޮޓް މެކްޓޮމިނޭ އެވެ. ސީޒަނުގައި ޖުމްލަ 11 ގޯލު ޖެހި، މެކްޓޮމިނޭ ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ފަސް ގޯލު ޖަހައިފަ އެވެ.

ލީގުގައި ރޭ ޔުވެންޓަސް އިން ވަނީ މޮންޒާ އަތުން 2-0 އިން މޮޅުވެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. ތިން ވަނައިގައި އޮތް އެޓަލަންޓާ އިން ކުޅުނު މެޗުގައި ލެޗޭއާ 1-1 އިން ވީ އެއްވަރެވެ. އެޓަލަންޓާ އަށް 34 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް އަށް 34 މެޗުން ވަނީ 62 ޕޮއިންޓް ލިބިފަ އެވެ.