28 އޭޕްރީލް 2025 - 09:18 1
އަމަން ހަލީމް
ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ވަޑައިގެންނެވުމުން މަރުހަބާ ކިޔަނީ: މިއީ އެ ގައުމުގެ ބޮޑުވަޒީރު އަންވަރުގެ ދައުވަތަކަށް ރައީސް މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރެއް --- ފޮޓޯ: ރައީސް އޮފީސް
28 އޭޕްރީލް 2025 - 09:18 1
ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން، މުހިންމު ދާއިރާތަކަކުން ދެ ގައުމުގެ ގުޅުން ބަދަހިކޮށް، މެލޭޝިއާގެ އެހީތެރިކަން ހޯދަން ލިޔެކިޔުންތައް ބަދަލުކޮށް އެމްއޯޔޫތަކެއްގައި ސޮއިކޮށްފި އެވެ.
ދެ ގައުމުގެ ވެރިންގެ މަޝްވަރާތަކަށް ފަހު އިއްވި ގުޅިފައިވާ ބަޔާނުގައި ރައީސް އިއުލާންކުރެއްވި ގޮތުގައި ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެވުނު ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާ އާއި ޓޫރިޒަމާއި ކުޅިވަރާއި މާލީ ހިދުމަތްތަކާއި ޑިޕްލޮމެޓުން ތަމްރީނުކުރުން ހިމެނެ އެވެ. އަދި ދިފާއި ދާއިރާ އާއި ޑިޖިޓަލް ދާއިރާގައި މެލޭޝިއާގެ އެހީތެރިކަން ހޯދަން އެމްއޯޔޫތަކެއްގައި ވެސް ސޮއިކޮށްފައިވެ އެވެ.
ރައީސްގެ ބަޔާނުގައި ވިދާޅުވި ގޮތުގައި މި އެއްބަސްވުންތަކާއެކީ، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ މަގުފަހިކުރަން ވަރުގަދަ ބިންގަލެއް އެޅިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މީގެ ފައިދާ ރާއްޖެ އާއި ދިވެހި ރައްޔިތުންނަށް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މެލޭޝިއާގެ އެހީތެރިކަން ހޯދަން އެއްބަސްވެވެނު ދާއިރާތަކުގެ ތެރެއިން ޑިޖިޓަލް ދާއިރާއިން މެލޭޝިއާއިން ހޯދާފައިވާ ކުރިއެރުންތަކަށް ތައުރީފުކުރައްވަމުން ރައީސް ވަނީ އެ ގައުމުގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރަން އެއްބަސްވެވަޑައިގެންނެވީތީ އެ ގައުމުގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމަށް ޝުކުރުއަދާކުރައްވާފަ އެވެ.
މި އެއްބަސްވުމާއެކީ، ޑިޖިޓަލް ދާއިރާ އިތުރަށް ކުރިއަރުވަން ދެ ގައުމުގެ ގުޅިގެން މަސައްކަތްކުރަން ހުރި ފުރުސަތުތައް ދެނެގަތުމުގެ ޝައުގުވެރިކަން ރައީސް ފާޅުކުރެއްވި އެވެ. އޭގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ސައިބާ ސެކިއުރިޓީ އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމަށް ފައިދާ ވާނެ ގޮތަށް މި ފުރުސަތުތަކުގެ ބޭނުން ހިފަން އިންތިޒާރުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ކުރިއެރުވުމާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާފަ އެވެ. މި ވާހަކައިގެ ތެރެއިން އެމަނިކުފާނު ވަނީ މެލޭޝިއާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ މައުލޫމާތު ދޭން ބާއްވާ ބިޒްނަސް ފޯރަމެއް އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. މި ފޯރަމްގައި ބޮޑު ވަޒީރު އަންވަރު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ވިޔަފާރި އާއި އިގުތިސޯދީ ގުޅުންތަކަކީ ދެ ގައުމުގެ ގުޅުމުގެ މުހިންމު ބަޔެއް ކަން ފާހަގަކުރައްވަމުން ރައީސް ވަނީ ރާއްޖޭގައި ހުރި އިންވެސްޓުމަންޓު ފުރުސަތުތަކުގެ ބޭނުންހިފަން މެލޭޝިއާގެ ވިޔަފާރިވެރިންނަށް ފުރުސަތު އަރުވާފަ އެވެ. އިންވެސްޓުކުރަން ދައުވަތު އެރުވި ދާއިރާތަކުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯންތަކާއި ޑިޖިޓަލް އިކޮނޮމީ އާއި މެރިޓައިމް އިކޮނޮމީގެ އިތުރުން މާލީ ހިދުމަތްތަކުގެ ދާއިރާ ހިމެނެ އެވެ.
މެލޭޝިއާއަށް ރައީސް ވަޑައިގެންނެވީ އެ ގައުމުގެ ބޮޑުވަޒީރު އަންވަރުގެ ދައުވަތަކަށެވެ. މިއީ 2016 ގެ ފަހުން ރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
Comment