Advertisement

މަޝްވަރާއަށް ޖާގަ ދެއްވާނެ ކަމަށް ވިދާޅުވާތީ ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ކުރެއްވުމަށް ރައީސް މުއިއްޒަށް އަނެއްކާ ވެސް ގޮވާލައިފި

28 އޭޕްރީލް 2025 - 08:30 1

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ޓެކްސީ ޑްރައިވަރުންނާ ރައީސް ބައްދަލު ކުރައްވަނީ: ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުމަކީ ސަރުކާރުން ޓެކްސީ ދިނުމުގެ ހިދުމަތް ދިނުން -- ފޮޓޯ: އަދަދު ފައިލް


މަޝްވަރާއަށް ޖާގަ ދެއްވާނެ ކަމަށް ވިދާޅުވާތީ ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ކުރެއްވުމަށް ރައީސް މުއިއްޒަށް އަނެއްކާ ވެސް ގޮވާލައިފި

28 އޭޕްރީލް 2025 - 08:30 1

މަޝްވަރާ އަބަދުވެސް ޖާގަ ދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމުން، މާލޭގެ ޓެކްސީ ޑްރައިވަރުންގެ އެދުމަށް އިޖާބަ ދެއްވައި، ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ކުރެއްވުމަށް ޑްރައިވާސް އެސޯސިއޭޝަނުން ރައީސްއަށް ގޮވާލައިފި އެވެ.

ރައްޔިތުންނަށް އެމަނިކުފާނާ މަޝްވަރާ ކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ އިއްޔެ މެލޭޝިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. ނަމަވެސް ޑްރައިވަރުންގެ އެސޯސިއޭޝަނުން ބުނީ، ރައީސް މުއިއްޒުއާ މަޝްވަރާ ކުރަން ބޭނުންވެގެން ދެ ފަހަރެއްގެ މަތިން އެދުމުން ވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވާހަކަފުޅު ތެދުކަން ސާބިތުކޮށްދިނުމުގެ ގޮތުން މި އެސޯސިއޭޝަނުން [ރައީސްއާ މަޝްވަރާ ކުރުމަށް އެދި] ފޮނުވާފައިވާ ސިޓީއަށް އަމަލު ކުރުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލަން،" އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ މައްސަލަ ތަހުގީގު ކުރާ ގޮތާމެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރަމުންދާ މުޒާހަރާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް އިއްޔެ ދެއްވި އިންޓަވިއުގައި ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުމެއް އަދި ޝަކުވާއެއް އޮތް ނަމަވެސް އެމަނިކުފާނާ މަޝްވަރާ ކުރެވޭނެ ކަމަށެވެ.

"ކޮންސާންއެއް އޮތަސް، ޝަކުވާއެއް އޮތަސް، އަދި ދެކޮޅު ކަމެއް އޮތަސް، ކަންކަން ރަނގަޅު ކުރަން ބޭނުންވަނީ ވިއްޔާ، އަޅުގަނޑު ގާތަށް އައިސް ވާހަކަ ދެއްކޭނެ," ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޓެކްސީ ޑްރައިވަރުންނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. ސަރުކާރުން ޓެކްސީގެ ހިދުމަތަށް ވަނުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެއް ނޫނެވެ.

ޑްރައިވަރުން ކަންބޮޑުވުމަކީ ޓެކްސީ ކުރުމުގެ ހިދުމަތަށް ސަރުކާރުން ވަދެ ކުރިއަށް އޮތް ޖުލައި މަހު އެ މަސައްކަތް ފަށަން ތައްޔާރުވެފައިވުމެވެ. ރަސްމީކޮށް ރަޖިސްޓްރީކޮށްގެން މާލޭގައި 1590 ޓެކްސީ ދުއްވަ އެވެ. އޭގެ އިތުރުން، މޯބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ރަސްމީކޮށް ރަޖިސްޓްރީނުކޮށް ވެސް ވަރަށް ގިނަ ބަޔަކު ޓެކްސީ ހިދުމަތް ދެ އެވެ.

ޓެކްސީ ހިދުމަތް ފަށާއިރު މާލެ ސަރަހައްދުގައި ދުއްވަން ސަރުކާރުން 100 ކާރު ގެންނާނެ އެވެ. ގެންނަނީ ކަރަންޓު ބޭނުންކޮށްގެން ޗާޖު ކުރެވޭ ކާރުތަކެކެވެ. އެ މަޝްރޫއަށް އިނީޝަލް އިންވެސްޓްމެންޓެއްގެ ގޮތުން 80 މިލިއަން ރުފިޔާ ހަރަދު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ޓެކްސީ ޑްރައިވަރުން ބުނަނީ ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފެށުމުން މިހާރު އެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކަށް ވަރަށް ބޮޑެތި ގެއްލުން ލިބޭނެ ކަމަށެވެ. ސަރުކާރުގެ ޓެކްސީ ލައިނެއް ފެށުމާ ދެކޮޅަށް މާލޭގައި ޓެކްސީ ދުއްވާ މީހުން އިހުތިޖާޖެއް ވެސް ކުރި އެވެ.