27 އޭޕްރީލް 2025 - 09:48 0
27 އޭޕްރީލް 2025 - 09:48 0
ގައުމީ ވޮލީބޯޅަ ލީގުގައި އިއްޔެ ކުޅުނު މެޗުތައް ޕޮލިސް ކްލަބާއި ކްލަބް ވެމްކޯ އިން ކާމިޔާބު ކުރުމުން، ލީގު ޗެމްޕިއަން ކަށަވަރުވާން އޮތީ މިރޭ ފޮލިހާއި ވެމްކޯ ކުޅޭ މެޗުންނެވެ.
އިއްޔެ ހަވީރު ޕޮލިސް ކްލަބް އަތުން ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީ ސީދާ ތިން ސެޓުން ބަލިވުމުން އެ ޓީމަށް ގައުމީ މުބާރާތުން ފުރުސަތެއް ނުލިބި ވަނީ ކަޓައިފަ އެވެ.
އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ޖީޖީ އަށް ގަދަ ހަތަރު ޓީމުގައި ހިމެނުމުގެ ފުރުސަތު އޮތެވެ. މި މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ، 25-19، 25-22 އަދި 25-20 އިންނެވެ.
ރޭ ވެމްކޯއާ ސިޓީ ފްރެންޑްސް ކްލަބް ބައްދަލުކުރި މެޗު ވެމްކޯ އިން ކާމިޔާބު ކުރީ ވެސް ސީދާ ތިން ސެޓުންނެވެ. މި މެޗަށް ވެމްކޯ އިން ނުކުތީ ގިނަ ބަދަލުތަކާ އެކުގަ އެވެ. އެ ގޮތުން މި މެޗުގައި ވެމްކޯ އިން ވަނީ އެ ޓީމުގެ ފަށާ ހަ ކުޅުންތެރިންގެ ތެރެއިން ބެންޗުގައި ތިބި ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-09، 25-11 އަދި 25-11 އިންނެވެ.
މި ނަތީޖާތަކާއެކު ލީގުގެ ޗެމްޕިއަން ކަށަވަރުވާން އޮތީ މިރޭ ކުޅޭ ފަހު މެޗުންނެވެ. މި މެޗު 3-1 ގެ ނަތީޖާ އަކުން ކާމިޔާބުކޮށް ވެމްކޯ އަދި ޕޮލިހަށް ވެސް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެބައޮތެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަން ބޭއްވިއިރު، މިއީ، 2017 ވަނަ އަހަރުގެ ފަހުން ވޮލީ ލީގުގެ އަންހެން ޑިވިޝަން ބޭއްވި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ވެމްކޯ އިން ތަށި އުފުލާލީ، ފަހު މެޗުގައި، ޕޮލިސް އަތުން 3-2 ސެޓުން މޮޅުވެގެންނެވެ.
Comment