26 އޭޕްރީލް 2025 - 19:30 1
އެމްޕީއެލް ހުޅުމާލެ ބަނދަރު: ކޮންޓެއިނަރު އެތެރެ ކުރީ ސައުދީ ބިންލާދިން ގްްރޫޕުން ކަމަށްވޭ -- ފޮޓޯ: އެމްޕީއެލް
26 އޭޕްރީލް 2025 - 19:30 1
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތަށް ގެނައި ދެ ކޮންޓެއިނަރުން ގިނަ އަދަދެއްގެ ވަގު ސިނގިރޭޓު ފެނިއްޖެ އެވެ.
އެއާޕޯޓުގެ މަސައްކަތް ކުރަނީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުންނެވެ. ކޮންޓެއިނަރުތައް އެތެރެ ކުރީ ވެސް އެ ކުންފުނިން ކަމަށްވެ އެވެ.
ކޮންޓެއިނަރުތައް އެތެރެ ކުރީ އެމްޕީއެލްގެ ހުޅުމާލޭ ޕޯޓަށެވެ. އެ ޕޯޓުގައި ކަސްޓަމްސް އާއި ފުލުހުންގެ ޓީމުތަކުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެއާޕޯޓު ހިންގާ ކުންފުނި އެމްއޭސީއެލްގެ އޮފިޝަލަކު ބުނީ ވަގު ސިނގިރޭޓުތައް އެތެރެ ކުރި ކޮންޓެއިނަރަކީ އެ ކުންފުންޏާ އެއްވެސް ވަރެއްގެ ގުޅުމެއް އޮތް ކޮންޓެއިނަރުތަކެއް ނޫން ކަމަށެވެ. އެމްއޭސީއެލް އިން ބުނީ އެއާޕޯޓު ޕްރޮޖެކްޓަށް އަބަދުވެސް މުދާ ގެންނަނީ ކޮންޓްރެކްޓަރު ކަމަށެވެ.
ސިނގިރޭޓުގެ އަގު ބޮޑުކޮށް ރާއްޖެއިން ވޭޕް މަނާ ކުރި ފަހުން މާލެ ތެރޭގައި ވަގު ސިނގިރޭޓު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ސިނގިރޭޓު އެތެރެ ކުރެވޭނީ އެކަމުގެ ހުއްދަ ނަގާފައިވާ ކުންފުނިތަކަށް އެކަންޏެވެ.
އައްޑޫއަށް އެތެރެ ކުރަން އުޅުނު ވަގު ސިނގިރޭޓުތަކެއް ވެސް މި ފަހުން ވަނީ އަތުލައިގަނެފަ އެވެ. މިދިޔަ އާދީއްތަ ދުވަހު އަތުލައިގަތް އެ ޝިޕްމެންޓުގައި ހުރި ސިނގިރޭޓުގެ އަދަދު ލައްކައަކަށްވުރެ ގިނަ އެވެ.
އޭގެ ކުރިން ޑިއުޓީ ފްރީއިން ވަގަށް ސިނގިރޭޓު ބޭރު ކުރަން އުޅުނު މައްސަލައެއް ވެސް ވަނީ ފަޅާ އަރައިފަ އެވެ. ސިނގިރޭޓު ބޭރު ކުރަން އުޅުނީ ފުލުސް އޮފިސަރުންތަކެކެވެ. އެކަމުގައި ފުލުހުންގެ ސީނިއާ ބައެއް އޮފިސަރުން ވެސް ހިމެނެ އެވެ.
Comment