26 އޭޕްރީލް 2025 - 15:21 0
އަހުމަދު އާއިދު
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނަވަރު އާންމުކުރި ނުވަ މީހުންގެ ތެރެއިން ޔުމްނު ފިޔަވާ ތިބި އަށް މީހުން.
26 އޭޕްރީލް 2025 - 15:21 0
އެޕްރީލް 18 ދުވަހުގެ ފަތިހު ހ. ފެންޓެނޯއީ ގޭގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، އާއި އޭނާ އާއެކު އެ ގޭގައި އުޅުނު ރައުދު އަަހުމަދު ޒިލާލް 21، ހިމެނޭ ހެން މި މައްސަލާގައި ފުލުހުން ވަނަވަރު ހާމަކުރި އެންމެންގެ ފޯނުތައް ތަހުގީގަށް ހިފަހައްޓައިފި އެވެ.
ބުރާސްފަތި ދުވަހު ކޯޓު އަމުރު ހޯދީ ޖުމްލަ ނުވަ މީހެއްގެ ފޯނު އަތުލުމަށެވެ. ނަމަވެސް މިއަދާ ހަމައަށް ފުލުހުން ހިފަހައްޓާފައި ވަނީ ހަތް މީހުންގެ ފޯނެވެ.
އިތުރު ދެ މީހެއްގެ ފޯނު ހިފެހައްޓާފައިވާކަން ފުލުހުން ކަށަވަރުކޮށްދިނީ މިއަދު އެވެ.
އެ މީހުންގެ ފޯނު ހިފަހައްޓައި އެންމެން ފުރުން މަނާކުރީ، ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ގޮތާމެދު ޒުވާނުން ހިތްހަމަ ނުޖެހި މަގުމައްޗަށް ނުކުތުމުންނެވެ.
ނަމަވެސް، މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރައުދު އެކަންޏެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ފަސް ދުވަސް ޖަހާފަ އެވެ.
ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް ނެތް ކަމަށް މީގެ ކުރިން ފުލުހުން ބުނި ނަމަވެސް، ވެއްޓުމުގެ ކުރިން އެ ދެ މީހުންގެ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. އަދި، ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް އުޅޭ ކަމަށް ފުލުހުން މިހާރު ތުހުމަތުކުރެ އެވެ.
"ތަހުގީގަށް އިތުރަށް އެނގިފައިވާ ގޮތުގައި އަނިޔާ ލިބުނު ފަރާތާއި މީނާއާ ދެމެދު އެރޭ ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށާއި، އަނިޔާ ލިބުނު ފަރާތް ވެއްޓުނު ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އަނިޔާ ލިބުނު ފަރާތް ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް މީނާ ބުނެފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ،" ރައުދުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
Comment