Advertisement

ނީސް އިން ޕީއެސްޖީގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

26 އޭޕްރީލް 2025 - 09:51 0


ނީސް އިން ޕީއެސްޖީގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

26 އޭޕްރީލް 2025 - 09:51 0

ޕެރިސް (އޭޕްރީލް 26) - ފްރެންޗް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ޕީއެސްޖީން ރޭ ކުޅުނު މެޗުން ނީސް އަތުން 3-1 އިން ބަލިވެ، މެޗަކުން ބަލިނުވެ ޕީއެސްޖީން ލީގު ނިންމާލަން ކުރި އުންމީދު ފުނޑުފުނޑުވެއްޖެ އެވެ.

ފްރެންޗް ލީގުގެ ތާރީހުގައި ވެސް މިހާތަނަށް ޓީމަކަށް މެޗަކުން ބަލިނުވެ، ލީގު ޗެމްޕިއަންކަން ހޯދިފައިނުވެ އެވެ. ޕީއެސްޖީން މި ފަހަރުގެ މުބާރާތުގައި ބަލިނުވެ، 30 މެޗު ހަމަކޮށް ފުރަތަމަ ފަހަރަށް މި ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން ޕީއެސްޖީން މެޗަކުން ބަލިވީ މިދިޔަ އަހަރުގެ މެއި މަހުގަ އެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލީޑުނެގީ ވެސް ގަދަ ހަތަރެއްގައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ނީސް އިންނެވެ. އެ ޓީމަށް މެޗުގެ 34 ވަނަ މިނިޓްގައި މި ގޯލު ޖަހައިދިނީ މޯގަން ސަންސޮން އެވެ. އެކަމަކު، ނީސް އަށް ލީޑުގައި އޮވެވުނީ ހަތް މިނިޓެވެ. މެޗުގެ 41 ވަނަ މިނިޓްގައި ޕީއެސްޖީން އެއްވަރުކުރި އެވެ. އެ ޓީމުގެ ލަނޑު ޖެހީ އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ފަބިއަން ރުއީޒް ވޮލީ އަކުން ކާމިޔާބުކުރި ލަނޑުންނެވެ.

ފުރަތަމަ ހާފު ދެ ޓީމު އެއްވަރުވެގެން ނިމިގެންދިޔަ ނަމަވެސް ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މާ ލަސްތަކެއް ނުވެ، ނީސް އިން ދެ ވަނަ ފަހަރަށް ލީޑުނެގި އެވެ. ދެ ވަނަ ހާފުގެ ފުރަތަމަ މިނިޓް ތެރޭ މި ލަނޑު ޖެހީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކުރި އެސްޓަން ވިލާގެ ކުރީގެ މިޑްފީލްޑަރު، ސަންސޮން އެވެ.

ޕީއެސްޖީން ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތް ކުރަމުންދަނިކޮށް ނީސް އިން ވަނީ މެޗުގެ 70 ވަނަ މިނިޓްގައި ތިން ވަނަ ގޯލު ޖަހައިފަ އެވެ. ހިލޭ ޖެހުމެއްގައި ހޯދި ފުރުސަތަކުން މި ލަނޑު ޖެހީ، ޔޫސުފް އެންޑައިޝްމިޔޭ އެވެ.

މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނީ، އޭނާގެ ޓީމުން އެކި ގޮތްގޮތުން އެޓޭކްކޮށްގެން ވެސް މެޗުގެ ތެރެއަށް ވަދެވޭތޯ ކުރި މަސައްކަތް ކާމިޔާބުނުވީ ނީސްގެ ޑިފެންސް ވަރުގަދަކަމުން ކަމަށެެވެ.

އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް 31 މެޗުން 78 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ނީސް އަށް ވަނީ 31 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މޮނާކޯ އަށް ވަނީ 30 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ.