Advertisement

ސްޕެނިޝް ކަޕް ފައިނަލްގެ ރެފްރީންގެ މައްސަލައިގައި ރެއާލުގެ ބޮޑު ކޯޅުމެއް

26 އޭޕްރީލް 2025 - 09:38 0


ސްޕެނިޝް ކަޕް ފައިނަލްގެ ރެފްރީންގެ މައްސަލައިގައި ރެއާލުގެ ބޮޑު ކޯޅުމެއް

26 އޭޕްރީލް 2025 - 09:38 0

މެޑްރިޑް (އޭޕްރީލް 26) - ސްޕެނިޝް ކަޕް ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ރެެއާލް މެޑްރިޑުން ކުޅޭ މެޗުގެ ރެފްރީންގެ އިންޓަވިއުތަކެއްގައި ދެއްކި ވާހަކަތަކެއްގެ މައްސަލައިގައި ރެއާލުން ކަންބޮޑުވުން ފާޅުކޮށް ޑިމާންޑްތަކެއް ކޮށްފި އެވެ.

މިރޭގެ ފައިނަލުގައި އިންސާފުކުރާ ރެފްރީ، ރިކާޑޯ ޑި ބާގޯސް ބެންގޮއެޓްޒާއާ ގުޅޭގޮތުން ރެއާލްގެ ޓީވީން ވަނީ ވީޑިއޯއެއް ދައްކައިފަ އެވެ. އެއީ، ރިކާޑޯ ރެފްރީކަން ކުރި މެޗުތަކުގައި ބާސެލޯނާ އާއި ރެއާލް މޮޅުވި ޕަސެންޓޭޖް ދައްކައި، އޭނާ އަށް ފާޑުކިޔުމުގެ ގޮތުންނެވެ. އަދި، އެ ވީޑިއޯގައި ވަނީ ރިކާޑޯ އަކީ ޗެމްޕިއަންސް ލީގު ނޫނީ ފީފާގެ މުބާރާތްތަކުގައި ރެފްރީކަން ކުރި ފަރާތެއް ނޫން ކަމަށް ބުނެ، އޭނާ އަތުން ހެދިފައި ހުރި ގޯސްތަކެއް ރެއާލްގެ ޓީވީން އާންމުކުރި ވީޑިއޯގައިވެ އެވެ.

އެ ކަމާ ބެހޭގޮތުން، ރޮވިފައި ރިކާޑޯ ދިން އިންޓަވިއުއެއްގައި ވަނީ، މި ފަދަ ކަންތައްތަކުގެ ސަބަބުން އޭނާގެ އާއިލާ އަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ބުނެފަ އެވެ.

"އަހަރެންގެ ދަރިފުޅު ސްކޫލަށް ދިޔައީމަ އެހެން ކުދިން، މީހުން އެބަ ބުނޭ އޭނަގެ ބައްޕަ އަކީ ވަގެކޭ. ދަރިފުޅު ގެއަށް އަންނަނީ ރޮމުން. އަހަރެން މި ކުރާ ކަމަކީ އަހަރެންގެ ދަރިފުޅަށް ވިސްނައިދޭން މަސައްކަތް ކުރަނީ. ބައްޕަ އަކީ ތެދުވެރިއެކޭ އެކަމަކު، ކޮންމެ މީހެއް އަތުން ވެސް ގޯހެއް ހެދިދާނެއޭ، ކުޅިވަރުގައި އުޅޭ ކޮންމެ މީހަކަށް ވެސް ވާހެން،" ރިކާޑޯ ބުންޏެވެ.

މީގެ އިތުރުން، މިރޭގެ ފައިނަލުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގައި މަސައްކަތްކުރާ، ޕަބްލޯ ގޮންޒާލޭޒް ފުއޭޓޭސް ވެސް ވަނީ ރެއާލުގެ އެ ވީޑިއޯއާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

ރެފްރީންގެ މި ކަންތައްތަކާ އެކު، ރެއާލުން ވަނީ، ސްޕެނިޝް ކަޕް ފައިނަލުގެ ރެފްރީން ބަދަލުކުރަން ޑިމާންޑްކޮށްފަ އެވެ. ސްޕެނިޝް ފެޑެރޭޝަނުން އެ ކަމަށް އިޖާބަ ނުދިނުމާ އެކު، ރެއާލުން ވަނީ ކަޕް ފައިނަލުގެ ކުރިން އޮތް ޕްރެސް ކޮންފަރެސް އާއި ޓްރެއިނިން އާއި ހުރިހާ ކަމެއް ކުރިއަށްނުގެންދަން ނިންމައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ރެއާލުން އޮތީ މިރޭގެ ފައިނަލަށް ރެފްރީން ބަދަލުނުކުރާނަމަ، މެޗު ބޮއިކޮޓް ކުރަން ވެސް ތައްޔާރަށެވެ. ސްޕެނިޝް ފެޑެރޭޝަން އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި، ރެފްރީން ބަދަލުކުރުމުގެ ވިސްނުމެއް ނެތެވެ.

މިރޭގެ ފައިނަލް މެޗުގައި ރެއާލުން ނުކުޅެފިނަމަ، ކުރިއަށް އޮތް ދެ ސީޒަނުގައި އެ ޓީމަށް ސްޕެނިޝް ކަޕުން ފުރުސަތު ގެއްލި ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހޭނެ އެެވެ.