Advertisement

ސަރުކާރުގެ އެންމެ އިސް އެއް ޒިންމާއަކީ ޖިނާއީ ތަހުގީގުތަކުގެ ނަޒާހާތްތެރިކަން ކަށަވަރުކުރުން: އިމްރާން

25 އޭޕްރީލް 2025 - 20:45 1


ސަރުކާރުގެ އެންމެ އިސް އެއް ޒިންމާއަކީ ޖިނާއީ ތަހުގީގުތަކުގެ ނަޒާހާތްތެރިކަން ކަށަވަރުކުރުން: އިމްރާން

25 އޭޕްރީލް 2025 - 20:45 1

ވެރިކަމަށް އިންތިހާބުވާ ސަރުކާރެއްގެ އެންމެ އިސް އެއް ޒިންމާއަކަށް ވާން ޖެހޭނީ ތަހުގީގުތަކުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނު ހާދިސާގެ ތަހުގީގާ ގުޅިގެން ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ތަހުގީގުގެ ދޮގު މައުލޫމާތުތަކެއް ފުލުހުން ހިއްސާކުރިކަން ވެސް ވަނީ ހާމަވެފަ އެވެ.

"މިންހެޔޮ ތަހުގީގެއްގެ އެންމެ އަސާސީ ސިފަޔަކީ އެ ތަހުގީގާމެދު އާންމުންގެ އިތުބާރު އޮތުން. އެހެންކަމުން، އިންތިހާބުވެފައި އޮންނަ ސަރުކާރުގެ އެންމެ އިސް އެއް ޒިންމާއަކީ ޖިނާއީ ތަހުގީގުތަކުގެ ނަޒާހާތްތެރިކަން ކަށަވަރުކުރުން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވި އެވެ.

ފުލުހުން ޖަވާބުދާރީ ކުރުވުމަށް ޒުވާނުން އިސްނަގައިގެން މާލޭގައި އަންނަނީ އިހުތިޖާޖު ކުރަމުންނެވެ. ތަހުގީގުގައި ފުލުހުން އަމަލުކުރަމުންދާ ގޮތާ ގުޅޭގޮތުން ޒުވާނުންގެ ގިނަ ކަންބޮޑުވުންތަކެއް އެބައޮތެވެ.

"އިންސާފު ގެއްލިއްޖެކަން އިހުސާސްވެ، ތަހުގީގުގެ މުޅި މަގުސަދަކީ ކަންކަން ފޮރުވުން ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވުނީ ހިނގަމުންދާ ޖިނާއީ ތަހުގީގަކުން ވަކިނަތީޖާއެއް ނެރުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ސަރުކާރުން ކެނޑިނޭޅި ނުފޫޒު ފޯރުވާތީ،" އިމްރާން ވިދާޅުވި އެވެ.

ފުލުހުންގެ ތަހުގީގުގައި ދޮގު މައުލޫމާތު ދީފައިވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފުލުހުންގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ.