25 އޭޕްރީލް 2025 - 17:08 0
ސާއިފް ޝިޔާދު
25 އޭޕްރީލް 2025 - 17:08 0
މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓުމުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަަހުމަދު ޒިލާލް 21، ގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.
"ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޒިލާލް ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައި،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ފުލުހުން ރައުދު ހައްޔަރުކުރުމުގެ އަމުރަކަށް ކޯޓުގައި އެދުނީ މައިގަނޑު ތިން ތުހުމަތެއްގަ އެވެ. އެއީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމަށް ބެލެވުމެވެ.
މީގެއިތުރުން، ހާދިސާއަށް ހަ ދުވަސް ފަހުން އޭނާ ހައްޔަރުކުރަން އެދެނީ މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތާލުމުގެ ފުުރުސަތު އޮތް ކަަމަށް ބެލެވޭތީ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި ތުހުމަތުތަކުގައި ރައުދު ހައްޔަރުކުރުމަށް ފުލުހުން އެދުމުން ކޯޓުން އެ އަމުރު ނެރުނީ އިއްޔެ ހެދުނު އެވެ. އަމުރުގެ ދަށުން އޭނާ ހައްޔަރުކުރީ އިއްޔެ އިރުއޮއްސި 6:20 ހާއިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓި، ޖެހިގެން ހުރި ގުދަނުގެ ފުރާޅުމަތީގައި އޮއްވައި ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް މައްސަލައިގެ މައުލޫމާތު ސިއްރުކޮށް އޮޅުވާލަން ފުލުހުން މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެންނެވެ.
Comment