Advertisement

ފުލުހުންގެ ދޮގުތަކެއް ހާމަވެފައި އޮއްވައި ރައީސް ވިދާޅުވީ ފުލުހުން ދޮގު ނަހަދާ ކަމަށް

24 އޭޕްރީލް 2025 - 22:47 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު: ފުލުހުންގެ ދޮގުތަކެއް ހާމަވެފައި އޮއްވައި ރައީސް ވިދާޅުވީ ފުލުހުން ދޮގު ނަހަދާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ފުލުހުންގެ ދޮގުތަކެއް ހާމަވެފައި އޮއްވައި ރައީސް ވިދާޅުވީ ފުލުހުން ދޮގު ނަހަދާ ކަމަށް

24 އޭޕްރީލް 2025 - 22:47 1

މާލޭގެ އުސް އިމާރާތެއްގެ މަތިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި ފުލުހުންގެ ދޮގުތަކެއް ހަދާފައިވާކަން ހާމަވެފައި އޮއްވައި އެ މުއައްސަސާއިން ދޮގު ހަދާނެ ކަމަށް އެމަނިކުފާނު ގަބޫލު ނުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ފުލުހުން ރައްޔިތުންނަށް ދޮގު ހަދައިގެން ލިބޭނެ ފައިދާއެއް ނެތް ކަމަށެވެ.

"މި މުއައްސަސާގެ ފަރާތުން ރައްޔިތުންނަށް ދޮގެއް ނުހަދާނެ. އަޅުގަނޑު ގަބޫލެއް ނުކުރަން އެގޮތަކަށް. ފުލުހުން ރައްޔިތުންނަށް ދޮގުހަދައިގެން ފުލުހުންނަށް ލިބޭނެ ފައިދާއެއް ނެތް. އަދި ފުލުހުން ކުރައްވާނެ ކަމެއް ވެސް ނޫން އެއީކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ ބައިބައިވުން އުފައްދައި، އެކި ކަހަލަ ފިތުނަ އުފައްދަން އުޅޭ މީހުން ފުލުހުހުންގެ މުއައްސަސާގެ އަގު ވައްޓާލަން މަސައްކަތް ކުރަމުންދާކަން ތުހުމަތު ކުރައްވާފަ އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފައްދައި އަޅުގަނޑުމެންގެ ތެރޭގައި އެކި ކަހަލަ ފިތުނަތައް އުފައްދަން އުޅޭ ފަރާތްތަކުން މި މުއައްސަސާގެ އަގު ވައްޓާލަން މަސައްކަތް ކުރަމުންދަނީ. .އަޅުގަނޑުމެން ވާންޖެހޭނީ ކެތްތެރިކަމާ އެކީގައި ފުލުހުންގެ ހިދުމަތް ފުލުހުން އަދާ ކުރުމަށް ފުރުސަތު ދޭން،" ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާއިން މަސައްކަތް ކުރަމުންދާނީ ރައްޔިތުންނާ ގާތުންކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީގޮތުން އެކި ކަހަލަ ކަންކަން ހިންގަން އުޅޭ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިމާރާތުގެ ކެމެރާތަކާއި ޓެރަސް ހުރި ހިސާބާއި ގުޅޭގޮތުން ފުލުހުން ދިނީ ސައްހަ ނޫން މައުލޫމާތުތައްކަން ވަނީ ހާމަވެފަ އެވެ.

އަދަދު ގެ ނޫސްވެރިން އެ ގެއަށް ގޮސް ބެލި ބެލުމުން ޔަގީންވީ އެ އިމާރާތުގެ އަށްވަނަ ފަންގިފިލާގައި ކެމެރާ ނުވެސް ނެތްކަމެވެ. މީގެ ކުރިން ކެމެރާ ނެތް ކަމަށް ފުލުހުން ތަކުރާރުކޮށް ބުނި ނުވަ ވަނަ ފަންގިފިލާގައި ކެމެރާ ހުއްޓެވެ.

މީގެއިތުރުން ފެންޓެނޯއި ގެއަށް ނޫސްވެރިން ވައްދަން އެ ގޭގެ ވެރިފަރާތުން ދެކޮޅު ހެދި ކަމަށް ބުނެ ފުލުހުން ހެދީ ދޮގުކަން ވެސް މިރޭ ވަނީ ހާމަވެފަ އެވެ.

ފެންޓެނޯއިގޭގެ ވެރިފަރާތުން އަދަދު އާ ވާހަކަ ދައްކަމުން ބުނީ މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެ ގެއަށް ނޫސްވެރިން ވެއްދުމާ ގުޅޭގޮތުން ފުލުހުން ގުޅާފައި ނުވާ ކަމަށެވެ.

އެ ގެއަށް ނޫސްވެރިން ވެއްދުމުގެ އިންތިޒާމު ހަމަޖައްސަން ތައްޔާރަށް ތިބި ނަމަވެސް، އެފަދަ އިންތިޒާމެއް ހަމަޖައްސަން ފުލުހުން ބުނެފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.