Advertisement

ޔުމްނު ވެއްޓުނު ހާދިސާ: ފުލުހުން އަމަލުކުރި ގޮތް 241 ކޮމިޓީން ބަލަން ހުށަހަޅައިފި

24 އޭޕްރީލް 2025 - 09:44 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

241 ކޮމިޓީގެ ބައްދަލުވުމެއް. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ޔުމްނު ވެއްޓުނު ހާދިސާ: ފުލުހުން އަމަލުކުރި ގޮތް 241 ކޮމިޓީން ބަލަން ހުށަހަޅައިފި

24 އޭޕްރީލް 2025 - 09:44 3

ހުކުރު ދުވަހު މާލޭގެ ގެއެއްގެ ނުވަ ވަނަ ފަންގިފިލާއިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ދިވެހި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ އިންކުއަރީއެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ހިންގަން، ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށަހަޅުއްވައިފި އެވެ.

ކުރިން 241 ކޮމިޓީގެ މެންބަރަކަށް ވެސް ހުންނެވި އަޒާން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަމަލުކޮށްފައި ވަނީ މި ބާވަތުގެ އެހެން މައްސަލަތަކުގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތްތަކާއި ހިލާފަށް ކަމާއި އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭ ގޮތަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށެވެ.

"މި މައްސަލައަކީ ހާއްސަ ގޮތެއްގައި ޒުވާނުންނާއި ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ހައްސާސް މައްސަލަ އަކަށް ވެފައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކޮށްފައި ވަނީ އެއްވެސް ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކު ގާނޫނާއި އެއްގޮތަށް ކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ،" އަޒާންގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"ވީމާ މި މައްސަލައިގެ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު ހިސާބުން ފެށިގެން އެ މުއައްސަސާގެ ފަރާތުން އަމަލޮށްފައިވާ ގޮތުގެ އިންކުއަރީއެއް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ މެދުވެރިކޮށް ކުރިއަށް ގެންގޮސް ދެއްވުން އެދެމެވެ."

ބުރާސްފަތި ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓި ޖެހިފައި އޮތީ، އެ ގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށެވެ. ނަމަވެސް އޭނާ ވެއްޓުނީ މީހަކު ގަސްދުގައި ކުރި ކަމަކުން ކަން ބެލެވެން ނެތް ކަމަށް ފުލުހުން ބުނެފަިއވެ އެވެ.

ޔުމްނުއާއެކު އެރޭ 21 އަހަރުގެ ފިރިހެނަކު ވެސް އުޅުނެވެ. ނަމަވެސް އޭނާ ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެފައެއް ނުވެ އެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ގިނަ އަދަދެއްގެ ޒުވާނުން "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ކުރި މައްޗަށް ރޭ އެއްވެ އަޑުއުފުލާފައިވެ އެވެ.