Advertisement

ސިޓީބިޓީ: ޖޭއެސްސީ އަދި އޭސީސީގެ މެމްބަރުންނަށް

27 އޭޕްރީލް 2025 - 15:18 1

ސިޓީބިޓީ

ސިޓީބިޓީ


ސިޓީބިޓީ: ޖޭއެސްސީ އަދި އޭސީސީގެ މެމްބަރުންނަށް

27 އޭޕްރީލް 2025 - 15:18 1

ޖޭއެސްސީ އަދި އޭސީސީގެ މެމްބަރުންނަށް،

އަޅުގަނޑު މިސިޓީ މި ލިޔަނީ ތިރީގައިވާ އާޔަތުގައިވާ މަންމަނުމީހާ ފަދަ މީހަކަށް އަޅުގަނޑާއި ތިޔަބޭފުޅުންވެސް ނުވުމަށް އެދޭތީއެވެ. އަދި ތިރީގައިވާ އާޔަތުގައިވާ އިންސާފަށް އަމުރުކޮށްއުޅޭ މީހާ ފަދަ މީހަކަށް ވެވޭތޯއެވެ.

ކީރިތި ޤުރުއާންގެ ނަހުލް ސޫރަތުގެ 76 ވަނަ އާޔަތުގައި ދެފިރިހެނެއްގެ މިސާލުން، ﷲ މިސާލެއް ޖެއްސެވިއެވެ. އެ ދެމީހުންކުރެ އެކަކީ، އެއްވެސް ކަމެއްގެ މައްޗަށް ކުޅަދާނަވެގެންނުވާ މަންމަނެކެވެ. އަދި އޭނާއަކީ، އޭނާގެ ސާހިބު މީހާގެ މައްޗަށްވާ ބުރައެކެވެ. އޭނާ ކުރިމަތިކޮށްފި އެއްވެސް ދިމާއަކުން، ހެޔޮކަމަކާއިގެނެއް ނާދެތެވެ. އެމީހާއާއި، ސީދާވެގެންވާ ތެދުމަގުގައިހުރެ، އިންސާފަށް އަމުރުކޮށްއުޅޭ މީހަކާ ހަމަހަމަ ވެގެންވާނޭ ހެއްޔެވެ؟

ތިޔަ މެމްބަރުންނަކީ ﷲ ގަންދީ ހުވާކުރައްވައިގެން މަސްއޫލިއްޔަތުތަކެއް އަދާކުރަން ހަވާލުވެ ތިއްބެވި ބަޔަކަށްވާތީ ހުވަޔާ ހިލާފުނުވުމަށްވެސް ތިރީގައިވާ އާޔަތް ހަނދާންކޮށްދެމެވެ.

ނަހުލު ސޫރަތުގެ 91 ވަނަ އާޔަތުގައި ވަނީ ތިޔަބައިމީހުން ﷲއަށް އަހުދު ކޮށްފިނަމަ، އެ އަހުދު ތިޔަބައިމީހުން ފުއްދާށެވެ! އަދި ހުވާތައް ގަދަކޮށް، ކަށަވަރުކުރުމަށްފަހު، ތިޔަބައިމީހުން އެ ހުވާތައް އުވައިނުލާށެވެ! އެހެނީ، ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުންގެ މައްޗަށް، ހެކިވެ ޖާމިނުވެވޮޑިގެންވާ ފަރާތެއް ކަމުގައި، ތިޔަބައިމީހުން ލާފައިވެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް، ﷲ ދެނެވޮޑިގެންވެތެވެ.

މި ވާހަކަތައް ތިޔަ މެމްބަރުންނަށް ހަނދާންކޮށް ދިނުމަށް އަޅުގަނޑަށް ފެނުނީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާމެދު ބޭއިންސާފުން ކަންތަކެއް ކުރެވޭކަމުގެ އިހުސާސް ރާއްޖޭގެ ހަބަރުތަކުން ލިބޭތީއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުން

ދިވެހިރާއްޖޭ މިނިވަން ދެ މުއައްސަސާ (އޭސީސީ އަދި ޖޭއެސްސީ) ގުޅިގެން، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރިކަމުގެ ހަބަރުތަކާ ގުޅިގެން ފާހަގަވި ކަންތައްތަކަކީ:

  • ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައިގެ ގޮތުގައި ހުށަހަޅާފައިވާ މަޖިލީހުގެ ގޮނޑި ގެއްލޭ އާހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށް، ޖޭއެސްސީގެ ކުއްލި ބައްދަލުވުމަކުން ތިން ފަނޑިޔާރުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރުން.
  • ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އޭސީސީ އިން އެ ތިން ފަނޑިޔާރުންގެ ޖިނާއީ ތަހުގީގެއްކުރާ ކަމަށް ބުނެ ޖޭއެސްސީ އަށް ފޮނުވި ސިޓީއަކަށް ބިނާކޮށް.
  • އޭސީސީ އިން އެ ތިން ފަނޑިޔާރުންގެ ޖިނާއީ ތަހުގީގެއްކުރާ ކަމަށް ބުނެ ޖޭއެސްސީ އަށް ސިޓީ ފޮނުވިއިރު އަދި އެމައްސަލަ ބެލުމަށް އޭސީސީގައި އޮންނަ އުސޫލުގެތެރެއިން މައްސަލަ ރެޖިސްޓަ ވެސް ނުކުރާކަން.
  • ފަނޑިޔާރުން ސަސްޕެންޑު ކުރުމަށް ފަހު ޖޭ.އެސް.ސީ އިން އެތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަން ފެށުން.
  • ފަނޑިޔާރު ހުސްނުއްސުޢޫދުގެ ފަރާތުން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ބަންޑާރަނައިބު އަހުމަދު އުޝާމް، ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާދަމް އަދި އޭސީސީގެ ރައީސް އާދަމް ޝާމިލްއަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކޮށް މަގާމުން އިސްތިއުފާދިނުން
  • އެ ތުހުމަތު ތަކުގެ ޖަވާބުގައި، ޕީއެންސީ އިން ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ޖުޑިޝަރީ ރަނގަޅު ކުރުމަށް ކުރައްވާ މަސައްކަތަށް ތައުރީފުކޮށް ބަޔާނެއް ނެރުން.

ޖޭއެސްސީއިން ބަލަން ފެށި ސުލޫކީ މައްސަލަތައް:

  • ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރުގެ ފިރިމީހާ (ސަރުކާރުން ހުއްދަދީފައިވާ) މަސާޖުކުރާ ސްޕާއެއްގައި ހުއްޓާ ފުލުހުން ހައްޔަރުކޮށް ބަންދުކުރަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ޑރ.އަޒްމިރާލްދާގެ ފިރިމީހާ ދޫކޮށްލީ ޑރ.އަޒްމިރާލްދާ އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ނުފޫޒަށް ކަމަށް ތުހުމަތު ކުރުން.
  • ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތް ކުރެއްވި ތަނެއްގައި ޑރ.އަޒްމިރާލްދާ އާއި މަހާޒު އިންނެވި މައްސަލަ. (ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ޙުސެން މުޙައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކުރީ، ހައި ކޯޓުން ނިންމި މައްސަލައެއްގެ އިސްތިއުނާފު މައްސަލަ ނިންމުމަށް ބޭނުންވާ ލިޔުންތަކެއް ހޯދަން އުޅުމުން ސުޕްރީމް ކޯޓަށް އެލިޔުންތައް ދިނުމަށް އެސިސްޓެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފު ދެކޮޅުހެދި މައްސަލައެއްގައި)
  • ޖޭއެސްސީ އިން ބަލަންފެށި ސުލޫކީ މައްސަލައިގެ ދިފާއުގައި ޑރ.އަޒްމިރާލްދާގެ ވަކީލު ނޫސްބަޔާން ނެރުއްވާތީ އެއީ ވެސް ސުލޫކީ މައްސަލައެއްކަމަށް ބަލަން ފެށުން

ޑރ.އަޒްމިރާލްދާގެ ވަކީލު ދިފާއުގައި ނޫސްބަޔާންތައް ނެރެން ޖެހުނު ސަބަބު

  • ޖޭއެސްސީއަށް އަމާޒުވި ތުހުމަތުތަކާއެކު އެ ކޮމިޝަނުން ބަލާ މައްސަލަތަށް އިންސާފުވެރި ކަމާއެކު ބެލުމަށް މަގުފަހި ވާނެ ގޮތަށް ސުލޫކީ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ބެލުމަށް އަޒްމިރާލްދާގެ ފަރާތުން އެދުމުން، އާންމުކޮށް އެމައްސަލަ ހުޅުވާލައިގެން ބެލުމުން އާންމު މަސްލަހަތަށް ގެއްލުންވެދާނެ ކަމަށް ބުނެ އެކަމަށް ޖޭއެސްސީ އިން އިންކާރުކުރުން.
  • ފަނޑިޔާރު ޑރ.އަޒްމިރާލްދާ އަދި މަހާޒު ގެ ވަކީލުންގެ ފަރާތުން ފާހަނގަކުރި ކަންތަކުގެ ތެރެއިން ނޫސްތަކުން ހާމަވިކަންތައް
  • ދެ ފަނޑިޔާރުންވެސް ފުރަތަމަ މައްސަލައިގެ ތުހުމަތަށް އިންކާރު ކުރުން
  • ކުރިމިނަލް ކޯޓުގެ ގާޒީން ގެ ބަޔާން ތަކުގައި ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރެވޭފަދަ އެއްވެސް ވާހަކައެއް ނެތްކަން.
  • ތުހުމަތުތައް ސާބިތުކުރާނެ އެއްވެސް ހެއްކެއް ޖޭއެސްސީގެ ރިޕޯޓްގައި ނެތުން އަދި ކޮމިޝަނުގެ މެމްބަރުންގެ ވިސްނުމަށް ރިޕޯޓު ބިނާކޮށް ދެ ފަނޑިޔާރުން ވަކިކުރަން ނިންމާފައިވާކަން
  • ތަހުގީގުގެ ފަހު ރިޕޯޓުގައި އޮތީ ފަނޑިޔާރު މަހާޒު އާއި ބައިވެރިވެގެން ކުރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު މެދުވެރިކޮށް ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރިވި ކަމަށް.

ނޫސްތަކުން މިމައްސަލައިގައި އާންމުކުރި ވާހަކަތަކުން ހާމަވީ ކަންތައް

  • ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޖުޑިޝަރީ ރަނގަޅު ކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ސުޕްރީމް ކޯޓުން ވަކިކުރަން ނިންމަނީ، ނަޒާހަތްތެރި އަދި ނުބައި ނުފޫޒުތަކަށް ނުލެބޭނެ ކަމަށް އާންމުންގެ ގިނަބަޔަކު ގަބޫލު ކުރާ، ދެ ފަނޑިޔާރުންކަން
  • ހައި ކޯޓުން ނިންމި މައްސަލައެއްގެ އިސްތިއުނާފު މައްސަލަ ނިންމުމަށް ބޭނުންވާ ލިޔުންތަކެއް ސުޕްރީމް ކޯޓަށް ދިނުމަށް އެސިސްޓެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފު ދެކޮޅުހެދި މައްސަލައިގައި ހައި ކޯޓުގެ އެއްވެސް ފަރާތަކަށް ޖޭއެސްސީ އިން ފިޔަވަޅު ނާޅާކަން.
  • ކުރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު، ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވި މައްސަލައިގައި ފިޔަވަޅު ނާޅާކަން.
  • ކުރިމިނަލްކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ނުފޫޒަށް ތަބާވި މައްސަލައިގައި ފިޔަވަޅު ނާޅާކަން.
  • ނުފޫޒު ފޯރުވި ގޮތެއް އަދި ނުފޫޒު ފޯރުވަން ކުރިކަމެއް ޖޭއެސްސީ އަކަށް ދެއްކިފައި ނުވާކަން.
  • ވަކިބަޔަކު ވަކިކުރުމުގެ ބޭނުމުގައި ކުރާކަމެއްކަން.

ޖޭއެސްސީ އަދި އޭސީސީ އަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް، މައްސަލަ ދެފުއްފެންނަ ގޮތަށް ހުޅުވާލައިގެން ﷲއަށް ބިރުވެތިވާ ހާލު އިންސާފުވެރިކަމާއެކު މައްސަލަ ބަލައި، ފަނޑިޔާރުންގެ ކުށެއްވާނަމަ އެކުށް ސާބިތުކުރުމަށް ހެކި ދެއްކުމަށް ގޮވާލަމެވެ.

ހެޔޮއެދޭ

ދިވެހިދަރިއެއް

---

ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ