24 އޭޕްރީލް 2025 - 10:13 0
24 އޭޕްރީލް 2025 - 10:13 0
މެޑްރިޑް (އޭޕްރީލް 24) - ސްޕެނިޝް ލީގުގައި ރޭ ރެއާލުން ގެޓަފޭގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކުރިހޯދައި ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު ފަރަގު ކުޑަކޮށްފި އެވެ.
ރެއާލުން މި މެޗަށް ނުކުތީ އެ ޓީމުގެ ކޯޗާ ކުޅުންތެރިން ބޮޑު ޕްރެޝަރެއްގައި ތިބެ އެވެ. އެއީ މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އާސެނަލް އަތުން 5-1 ގެ އެގްރިގޭޓް ނަތީޖާ އަކުން ބަލިވެ، އެ މުބާރާތުން ކެޓުމުންނެވެ.
ރެއާލުން މި މެޗަށް ނުކުތީ އެ ޓީމުން އާންމުކޮށް ބޭނުންކުރާ ފުރަތަމަ އެގާރަ އަށް ހަ ބަދަލެއް ގެނައުމަށްފަހު އެވެ. އެއީ މި ހަފުތާގެ ހޮނިހިރު ދުވަހު ސްޕެނިޝް ކަޕުގެ ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކުޅުންތެރިންނަށް އަރާމުދިނުމުގެ ގޮތުންނެވެ.
މެޗުގެ ހަމައެކަނި ގޯލު 21 ވަނަ މިނިޓްގައި ރެއާލަށް ކާމިޔާބު ކޮށްދިނީ އަރްދާ ގުލާ އެވެ. މިއީ ގެޓަފޭގެ ކީޕަރު ޑޭވިޑް ސޯރިއާ އަތުގައި ޖެހިފައި ވަން ގޯލެކެވެ.
އޭގެ ފަހުން ރެއާލްގެ ޒުވާން ތަރި އެންޑްރިކް އަށް ގޯލު ޖަހަން ހުސްފުރުސަތެއް ލިބި ބޭކާރުވި އެވެ. ވިނީޝިއުސް ޖޫނިއާ މުޅިން ހުސްކޮށްލާފައި އެންޑްރިކްއަށް ދިން ބޯޅައިގެ ހުރަހަކަށްވީ ޑިފެންޑަރު ޑޮކަނޯމް އެވެ.
މި ނަތީޖާއާއެކު ރެއާލުން ބާސެލޯނާގެ ފަހަތުން ދެ ވަނައިގައި އޮތީ ކުޅުނު 33 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް ބާސާ އަށް 33 މެޗުން 76 ޕޮއިންޓް ވަނީ ލިބިފަ އެވެ.
Comment