Advertisement

ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ހިފަހައްޓައި ސިއްރު ކުރުމަކީ އިންސާފު ލިބުމަށް އެޅޭ ހުރަހެއް: އެމްޑީޕީ

24 އޭޕްރީލް 2025 - 10:27 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީޑަޝިޕުގެ ބައެއް ބޭފުޅުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ހިފަހައްޓައި ސިއްރު ކުރުމަކީ އިންސާފު ލިބުމަށް އެޅޭ ހުރަހެއް: އެމްޑީޕީ

24 އޭޕްރީލް 2025 - 10:27 1

މިދިޔަ ހުކުރު ދުވަހު ހ. ފެންޓެނޯއީ ގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާ ގުޅޭ ބައެއް މައުލޫމާތު ހިފަހައްޓައި ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި އަނިިޔާ ލިބުނު ކުއްޖާގެ ވަނަވަރު ހާމަ ކުރުމަކީ އިންސާފު ލިބެން އޮތް ހުރަހެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

ޔުމްނުގެ މައްސަލައިގައި ފުލުހުން އަމަލު ކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ވަކި ފަރާތަކަށް ޖެހުމެއް ނެތި، ޒާތީ ތައައްސުބުން އެއްކިބާވެ، ފަސްޖެހުމެއް ނެތި ހަމަހަމަ ގޮތެއްގައި ގާނޫނު ނެގެހެއްޓުމާއި ގާނޫނު ތަންފީޒު ކުރުމަކީ ފުލުހުންގެ ގާނޫނީ ވާޖިބު ކަމަށެވެ. ނަމަވެސް ފުލުހުންގެ އަމަލުތައް ހުރި ގޮތުން އިންސާފަށް ހުރަސްއެޅޭ ކަމަށް އެމްޑީޕީން ބުންޏެވެ.

"މި ހާދިސާއާ ގުޅޭ ބައެއް މައުލޫމާތުތައް ހިފަހައްޓައި، ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނިޔާ ލިބުނު ޒުވާނާގެ މައުލޫމާތު ހާމަކޮށްފައިވުމަކީ އެ އިދާރާގެ ފަރާތުން ފެނިގެންދިޔަ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ، މިފަދަ ގޮތަކަށް އަމަލުކުރުމަކީ އިންސާފު ލިބުމަށް އޮތް ހުރަހެއް ކަމުގައި މި ޕާޓީން ދެކެމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ބުނީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ކުރިއަށް ގެންދާއިރު އެފަދަ މައްސަލަތަކުގައި މީގެ ކުރިން އަމަލު ކޮށްފައިވާ ގޮތާ ހިލާފަށް ފުލުހުން އަމަލު ކުރަމުންދާކަން ޔުމްނުގެ އާއިލާގެ ފަރާތުން މީޑިއާތަކާ ހިއްސާ ކޮށްފައިވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ފުލުހުންގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ތުހުމަތުވާ ފަރާތްތަކާ މެދު އަމަލުކޮށް ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މިނިވަން އިންސާފުވެރި ތަހުގީގެއް ހިންގުމަށް އެމްޑީޕީން ގޮވާލާފައިވެ އެވެ.

"ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ފުލުހުންގެ އިދާރާއަށް ގޮވައިލަނީ ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ތަހުގީގެއް މިކަމުގައި ކުރިއަށް ގެންގޮސް، ޝައްކެއް ނުއުފެދޭނެ މިންވަރަށް ކަމުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ، ހަމައެހެންމެ، މި ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އެއްވެސް އިހުމާލެއް ވެފައިވާނަމަ، އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމަށް ވެސް ކަމާ ގުޅުންހުރި އިދާރާތަކަށް އެމްޑީޕީން ގޮވައިލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

މަސްތުވާތަކެތީގެ ވަބާގައި ދިވެހި ޒުވާނުންގެ ތެރެއިން އެތައް ބަޔަކު ޖެހި އިޖުތިމާއީ ފޭރާން ވީރާނާވަމުން ދާއިރު، މަސްތުވާތަކެއްޗާ ދެކޮޅާށް ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ އިދާރާތަކަށް އެމްޑީޕީން ގޮވާލައިފައިވެ އެވެ.

"ވަކިވަކި ފަރުދުންގެ ހަށިގަނޑާއި، ފުރާނަ އާއި، މިނިވަންކަމާއި، ހައްގުތައް ރައްކާތެރި ކުރުމަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން ފުލުހުންގެ މައްޗަށް މަތިކޮށްފައިވާ ޒިިންމާ އަދާކުރުމަށް މި ފުރުސަތުގައި އެމްޑީޕީން ފުލުހުންނަށް ހަނދުމަކޮށް އަރުވަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.