23 އޭޕްރީލް 2025 - 14:05 1
އަހުމަދު ދާއޫދު
ސްޓާ ވޯޒް ޒީރޯ ކޮމްޕެނީގެ މަންޒަރެއް -- ފޮޓޯ: އީއޭ
23 އޭޕްރީލް 2025 - 14:05 1
އިލެކްޓްރޯނިކް އާޓްސް (އީއޭ) އިން އެ ކުންފުނީގެ އައު ސްޓާ ވޯޒް ގޭމް، "ސްޓާ ވޯޒް ޒީރޯ ކޮމްޕެނީ" 2026 ގައި ރަސްމީކޮށް ނެރޭނެކަން އިއުލާން ކޮށްފި އެވެ.
މި ގޭމަކީ ބިޓް ރިއެކްޓާ އިން ރެސްޕޯން އެންޓާޓެއިންމަންޓް އަދި ލޫކަސްފިލްމް ގޭމްސްއާ ގުޅިގެން ތައްޔާރުކުރާ ސިންގަލް ޕްލޭޔާ ޓާން ބޭސްޑް ޓެކްޓިކްސް ގޭމެކެވެ.
މި ގޭމުގެ ވާހަކަ ބިނާވެފައި ވަނީ ކްލޯން ވޯޒްގެ ނިމުމާ ކައިރި މުއްދަތަކަށެވެ. މިއީ "ހަރުކަށި އަދި އަސްލު ވާހަކައެއް" ކަމަށް ބުނެފައިވެ އެވެ. މި ގޭމުގައި ދައްކާ ވާހަކައިގައި، އާދަޔާ ހިލާފު ބައެއްގެ ގޮތުގައި މަސައްކަތްކުރާ އޮޕަރޭޓިވުންތަކެއް، ގެލެކްސީއަށް ކުރިމަތިވެފައިވާ އައު ނުރައްކަލަކާ ކުރިމަތިލާ މަންޒަރު ދައްކަ އެވެ.
ސްޓާ ވޯޒް ޒީރޯ ކޮމްޕެނީ 2026 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާއިރު، މި ގޭމް ކުޅެން ލިބޭނީ ޕީސީ، ޕްލޭސްޓްޓޭޝަން 5 އަދި އެކްސްބޮކްސް ސީރީޒް އެސް/އެކްސް ގަ އެވެ.
މި ގޭމް ފުރަތަމަ އިއުލާނު ކުރެވުނީ ޖަޕާނުގައި ބޭއްވުނު ސްޓާ ވޯޒް ސެލެބްރޭޝަން އިވެންޓުގައި މިދިޔަ ހޮނިހިރު ދުވަހު އެވެ. މީގެ ކުރިން މި ގޭމާ ބެހޭ މައުލޫމާތު ލީކުވެ، ވޭތުވެދިޔަ ހަފުތާގައި މި ގޭމް ނެރޭނެކަން ކަށަވަރުކޮށްފައިވެ އެވެ.
ސްޓާ ވޯޒް ޒީރޯ ކޮމްޕެނީގައި ކުޅޭ މީހާގެ ދައުރަކީ ކުރީގެ ރިޕަބްލިކް އޮފިސަރެއް ކަމަށްވާ ހޯކްގެ ދައުރެވެ. ހޯކްގެ މަސްއޫލިއްޔަތަކީ އާދަޔާ ހިލާފު ޓީމެއް އެކުލަވާލައި، އެ ޓީމު ވަރުގަދަ މާސެނަރީންގެ ގޮތުގައި މަސައްކަތްކުރުވުމެވެ.
ޒީރޯ ކޮމްޕެނީގެ މެންބަރުންނަކީ ގެލެކްސީގެ އެކި ކަންކޮޅުތަކުން އައިސްފައިވާ ބައެކެވެ. މީގެ ތެރޭގައި އެސްޓްރޯމެކްސް، ޖެޑައި އަދި ޑްރޮއިޑްސް ފަދަ ކްލާސިކް ސްޓާ ވޯޒް އާކިޓައިޕްތައް ހިމެނެ އެވެ. މި ކެރެކްޓަރުތަކުގެ ވަކި ހާއްސަ ޝަހުސިއްޔަތުތަކާއި ހަނގުރާމައިގައި ބޭނުންކުރާ ގާބިލިއްޔަތުތައް ހުންނާނެ އެވެ.
މި ގޭމް ތައާރަފުކުރުމާއެކު، އިލެކްޓްރޯނިކް އާޓްސްއިން ވަނީ އެނައުންސްމަންޓް ޓްރެއިލަރެއް ވެސް ދައްކާފަ އެވެ. މި ޓްރެއިލާގައި ސިނަމެޓިކްސްގެ އިތުރުން ގޭމްޕްލޭ ވެސް ހިމަނާފައިވެ އެވެ.
Comment