Advertisement

ދިފާއީ ބާރު ވަރުގަދަ ކުރާތީ މަލާމަތްކުރަނީ ގައުމިއްޔަތުކަމެއް، ގައުމީ ލޯތްބެއް ނެތް މީހުން: ރައީސް

22 އޭޕްރީލް 2025 - 15:53 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެ ކަނބަލުން ޑިފެންސް މިނިސްޓަރު ގައްސާން އަދި ޗީފް އޮފް ޑިފެންސް ފޯސް ހިލްމީ : ރައީސް ވިދާޅުވީ ދިފާއީ ބާރު ވަރުގަދަ ކުރާތީ މަލާމަތްކުރަނީ ގައުމިއްޔަތުކަމެއް ނެތް ބައެއް ކަމަށް --- ފޮޓޯ: ރައީސް އޮފީސް


ދިފާއީ ބާރު ވަރުގަދަ ކުރާތީ މަލާމަތްކުރަނީ ގައުމިއްޔަތުކަމެއް، ގައުމީ ލޯތްބެއް ނެތް މީހުން: ރައީސް

22 އޭޕްރީލް 2025 - 15:53 0

ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރާތީ މަލާމާތް ކުރަނީ ގައުމިއްޔަތުކަމެއް، ގައުމީ ލޯތްބެއް ނެތް ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދީފާއީ ބާރު ވަރުގަދަ ކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫން ކަމަށެވެ. ސިފައިންގެ ބާރުވެރިކޮށް، ތަމްރީނީ ގޮތުންނާއި އާލަތްތަކުގެ ގޮތުން ވަރުގަދަ ކުރުމަކީ މިނިވަންކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ފަހުރުވެރި މަސައްކަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެކަމާ މަލާމަތްކުރާ މީހުންނަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ގައުމިއްޔަތުކަމެއް ނެތް، ގައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ، ސިޔާސީ ގޮތުން ގޮސް ގައުމު ކޮންމެފަދަ ގޮތަކަށް ވެގެންދިޔަޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް،" ރައީސް ވިދާޅުވި އެވެ.

އެފަދަ ވިސްނުންތަކުން ގައުމު ސަލާމަތްކުރުމަކީ ކޮންމެ ދިވެއްސަކު ކުރަން މަޖުބޫރު ކަމެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ވާހަކަ ދެއްކެވީ ނުރުހުމުގެ ރާގެއްގަ އެވެ. އެ މޭރުމުން އެމަނިކުފާނު ވާހަކަ ދައްކަވާފައި މިވަނީ އެމްއެންޑީއެފަށް ބަރުހަތިޔާރުތަކެއް ގެންނަން ސަރުކާރުން ބޮޑު ހޭދައެއް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން މިފަހުން ޔޫއޭއީ އިން އާމަޑް ވެހިކަލްތަކެއް ވަނީ ގެނެސްފަ އެވެ. އަދި ތުރުކީން ހަދިޔާކުރާ މަނަވަރަށް ބޭނުންވާ މިސައިލާއި ހަތިޔާރު ގަންނަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެ އެވެ. މާލީ އަދި އިޖުތިމާއީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި މި ހަރަދުތައް ކުރާތީ ގިނަ ބަޔަކު ދަނީ ރައީސް އާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.

"ސިފައިންނަށް އެކިއެކި ތަކެތި ހޯދައިދިނީމާ، އެކަމާ ލަދުގަންނަންޏާ، އެމީހެއްގެ އަމިއްލަ ނަފްސާ އެބަޖެހޭ ސުވާލުކުރަން، ތިމަންނަގެ ގައުމީ ލޯބި އޮތީ ކިހާ ހިސާބެއްގައިތޯ؟ ތިމަންނައަކީ ގައުމުދެކެ ލޯބިވާ ދިވެއްސެއްތޯ؟،" އެ ފަރާތްތަކަށް ހަރުކަށި ރައްދެއް ދެއްވާ ރައީސް ރޭ ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ގައުމަށް އުފަން ކޮންމެ މީހެއްގެ ވެސް ގައުމީ ލޯބި ހުންނަން ޖެހޭނެ ކަމަށެވެ. ފަހުރުވެރިވާން ޖެހޭނެ ކަމަށެވެ. މިއީ ގައުމީ މަސައްކަތެއް ކަމަށާއި އެކަން ކުރަން ޖެހޭނީ ފަހުރުވެރިކަމާ އެކުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.