22 އޭޕްރީލް 2025 - 11:43 0
އަހުމަދު އާއިދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަދި ނައިބު ރައީސް ނާޒިމް : މެންބަރުންނަށް ސަބަބެއް އެންގެމެއްނެތި މިއަދުވެސް މަޖިލީހުގެ ޖަލްސާއެއް ނުބާއްވާ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
22 އޭޕްރީލް 2025 - 11:43 0
ވަކި ސަބަބެއް އެންގުމެއްނެތި މިއަދު ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވާން ނިންމައިފި އެވެ.
މަޖިލީހުގެ އިދާރާއިން މިއަދުގެ ޖަލްސާ ނޯންނާނެ ކަމަށް ބުނެ މެންބަރުންނަށް ފޮނުވި މެސެޖުގައި އެއްވެސް ސަބަބެއް ބުނެފައެއް ނުވެ އެވެ. މި ނޫހާ ވާހަކަދެއްކި ބައެއް މެންބަރުން ބުނީ މިއީ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތުމުގެ ނަތީޖާ ކަމަށެވެ.
ބައެއް މެންބަރުން ބުނީ ޖަލްސާ ކެންސަލް ކުރީ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް ސުވާލުކުރުމަށް ހުރަސްއެޅުމަށް މަޖިލީހުގެ ރިޔާސަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިން ޖަލްސާ މިދިޔަ ހަފުތާގައި ބޭއްވި އެވެ. އެކަމަކު، އޭގެ ކުރިން ނިމުނު ހަފުތާގައި ބޭއްވި އެންމެ ޖަލްސާއެކެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ހަފުތާއަކު މަދުވެގެން ތިން ޖަލްސާ ބާއްވަންޖެހެ އެވެ.
އިއްޔެވެސް މަޖިލީހުގެ ޖަލްސާއެއް ނުބާއްވަ އެވެ. އެ ޖަލްސާ ނުބާއްވަން ނިންމީ ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މެންބަރުން ވެއްދި މައްސަލައިގައި ހޯމް މިނިސްޓަރު، އަލީ އިހުސާން މަޖިލީހަށް ހާޒިރު ކުރަން އެޖެންޑާ ކުރުމަށްފަހު އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ދައުލަތުގެ ވަޒީރުންނާ ސުވާލު ކުރުމަށް އެދި ހުށަހަޅާތާ އެތައް ދުވަހެއް ފާއިތުވެގެންދާއިރު ވެސް ވަޒީރުންނާ ސުވާލު ކުރުމަށް އެޖެންޑާ ނުކުރާތީ އާއި ސަބަބެއް ބަޔާން ކުރުމެއް ނެތި މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މައްސަލައިގައި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކައިލް އަހުމަދު ނަސީމް ވަނީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވައިފަ އެވެ.
މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ވެރިކަން ހިންގުމުގެ ބާރުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގާ ބާރު ޖަވަބުދާރީ ކުރުވުމުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ.
ގާނޫނީ އަދަދު ހަމަވާ މިންވަރަށް ވެސް މި ހަފުތާގައި މަޖިލީހުގެ ޖަލްސާތައް ނުބޭއްވިއިރު، ގާނޫނީ ރިފޯމް އެޖެންޑާގެ ދަށުން 200 ބިލު ހުށަހަޅާނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ. ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ހުށަހަޅާފައި ވަނީ ވަރަށް މަދު ބިލެކެވެ.
Comment