Advertisement

ފޮޓޯ ނަގަން ނެރުނު އަމުރުގައި ސާފުކޮށްދިނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން: ފުލުހުން

21 އޭޕްރީލް 2025 - 12:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސްގެ ދަރިކަލުންގެ ވާހަކަދެއްކި ކަމަށް ބުނެ ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަމުންދާ މަރިޔަމް ޒުބައިރު އާއި އަހުމަދު ސަލީމް (މާޒް) -- ފޮޓޯ: އަދަދު


ފޮޓޯ ނަގަން ނެރުނު އަމުރުގައި ސާފުކޮށްދިނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން: ފުލުހުން

21 އޭޕްރީލް 2025 - 12:59 0

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމެއިރު މުހައްމަދުގެ ވާހަކަ ދެއްކި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މަރިޔަމް ޒުބައިރު (މަންދީ) އަދި އަހުމަދު ސަލީމް (މާޒް ސަލީމް) ގެ މައްޗަށް ހިންގާ ޖިނާއީ ތަހުގީގުގެ ބޭނުމަށް އެ ދެމީހުންގެ ފޮޓޯ ނަގަން ނެރުނު އަމުރުގައި ސާފުކޮށް ދިނީ ޖިންސީ ގުނަވަނެއްގެ ފޮޓޯ ނުނެގޭނެކަން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ތަހުގީގެއްގެ ބޭނުމަށް މީހެއްގެ ފޮޓޯ ނަގަން އެމީހަކު ހުއްދަ ނުދޭނަމަ އެކަން ކުރުމުގެ ހުއްދަ ކޯޓު މެދުވެރިކޮށް ހޯދާ ކަމަށެވެ. އަދި އެ ހާލަތުގައި ކޯޓުން ކުރާ އަމުރުގައި ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގޭނެ ކަމަށް ބަޔާން ކޮށްފައި އޮންނަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ފުލުހުންނަށް ސާފުކޮށްދިނުމަށް ކަމަށެވެ.

"ހަށިގަނޑުގެ ބޭރުގެ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓުން އަމުރު ނެރޭ ހާލަތުގައި، ޖިންސީ ގުނަވަން ފިޔަވައި، ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެ ކަމަށް އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށް،" ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ތަހުގީގެއްގެ ބޭނުމަށް އާންމުކޮށް ފޮޓޯ ނަގަނީ ހެކީގެ ގޮތުގައި ފުޓޭޖަކުން ނުވަތަ ވީޑިއޯއަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބެލުމަށް ކޮމްޕެރިސަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑުކަން ދެނެގަތުމަށް ކަމަށެވެ.

ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޮޓޯ ނަގަން ބޭނުންވާނަމަ ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލް ބޭނުންވާނަ އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެންނެވެ. އެމީހަކު އެކަމަށް އިންކާރު ކުރާނަމަ އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މަރިޔަމް ޒުބައިރު އާއި މާޒް ސަލީމްގެ މައްޗަށް ޖިނާއީ ތަހުގީގެ ފުލުހުން ހިންގަމުންދަނީ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ފުލުހުން ބުނީ ދައުރުވަމުންދާ ޗިޓަކީ ވެސް އެކަމާ ގުޅިގެން ހިންގާ ތަހުގީގަށް ބޭނުންވާ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ފޮނުވާފައިވާ ޗިޓެއް ކަމަށެވެ.