Advertisement

ޕެންޝަން މަދުވާ ގޮތަށް ރިފޯމް ކުރުން ރަނގަޅެއް ނުވާނެ: ޕެންޝަން އޮފީސް

21 އޭޕްރީލް 2025 - 12:18 1

އަމަން ހަލީމް

އަމަން ހަލީމް

ޕެންޝަން އޮފީހުން ކުރިއަށްގެންދިޔަ މައުލޫމާތު ސެޝަނެއް:


ޕެންޝަން މަދުވާ ގޮތަށް ރިފޯމް ކުރުން ރަނގަޅެއް ނުވާނެ: ޕެންޝަން އޮފީސް

21 އޭޕްރީލް 2025 - 12:18 1

ޕެންޝަނަށް ބަދަލުތައް ގެންނައިރު މިހާރު ލިބެމުންދާ ބަޔަކަށް އެއްވެސް އެއްޗެއް މަދުވާ ގޮތަށް ޕެންޝަން ނިޒާމު އިސްލާހުކުރުމަކީ ހައްލެއް ނޫން ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޑަބަލް ޕެންޝަނުގެ މައްސަލަ ދިރާސާކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ސުޖާތާ ވިދާޅުވީ، ޕެންޝަން ގާނޫނު ވުޖޫދަށް އައި ފަހުން ވެސް އެކިއެކި ނިޒާމުތައް ކުރިއަށްދާ ކަމަށެވެ. މިއާއެކީގައި މީހުންގެ އުއްމީދުތައް ހުރީ ނޫނީ ދެކޭ ގޮތް ހުރީ އެގޮތަށް ބައްޓަންވެފައި ކަމަށާއި ކަމެއް ހައްލު ކުރަން ވާނީ އެ އުއްމީދު ކުރާ ގޮތާއި ދައުލަތުން ބޭނުންވާ ގޮތުގެ މެދު މިނެއް ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް މި އޮތީ 15 އަހަރު ޕެންޝަން ގާނޫނު ވުޖޫދަށް އައުމަށް ފަހު ފާއިތުވެފައި. ދެން އެބަ ކުރިއަށްދޭ އެކިއެކި ނިޒާމުތައް. ދާއިރުގައި މިހާރުގެ އެކްސްޕެކްޓޭޝަން ވެސް ކޮންމެވެސް ވަރަކަށް މީޓު ކުރެވޭ މިޑްލް ގްރައުންޑެއްގައި އަޅުގަނޑުމެން މަސައްކަތް ކުރުން ވަރަށް މުހިންމު،" ސުޖާތާ ވިދާޅުވި އެވެ.

"އެ ބަޔަކަށް ލިބެމުންދާ އެއްޗެއް ހުއްޓުން ނޫނިއްޔާމުން މަދުވެގެން އެ އެކްސްޕެކްޓޭޝަންއަށް ވުރެ މާ ބޮޑަށް މަދުވެގެން ދިޔުމަކީ އެހާ އެދެވޭ ގޮތަކަށް ނުވާނެ ރިފޯމެއް ގެންނަ އިރަކުއެއް."

ސުޖާތާ ވިދާޅުވީ މީގައި މުހިންމީ މި ބަދަލުތައް ގެންނާނެ ތާރީހެއް ނުވަތަ ކަޓް އޯފް ޑޭޓެއް ކަނޑައެޅުން ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ރިފޯމް ކުރެވޭނީ މި ތާރީހު ކަނޑައަޅައި މީހުން އުއްމީދުކުރާ ގޮތް ރަނގަޅަށް ދެނެގަނެގެން އިސްލާހުތައް ގެނައުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު އަމަލުކުރަމުން އަންނަ ޕެންޝަން ނިޒާމުގައި ހުރި ރަނގަޅު ކަންކަން ވެސް ސުޖާތާ ފާހަގަކުރެއްވި އެވެ.

އެ ގޮތުން ކުރިން އޮންނަ އުސޫލުގެ ދަށުން ޕެންޝަން ލިބެނީ ދައުލަތަށް ހިދުމަތް ކުރާތާ 20 އަހަރުވުމުން ކަމަށް ސުޖާތާ ވިދާޅުވި އެވެ. ނަމަވެސް މިހާރުގެ ގާނޫނުގެ ދަށުން ދައުލަތުގެ މުވައްޒަފުންނާއި އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ފުރަތަމަ މުސާރައިން ފެށިގެން ޕެންޝަން ލިބޭނެ މަގުފަހިވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަޒީފާ ބަދަލުވި ނަމަވެސް ޕެންޝަން ލިބުން އޭނާ ފާހަގަކުރެއްވި އެވެ.

ޕެންޝަންގެ ގޮތުގައި ލިބޭ އަދަދަކީ ވެސް ރަނގަޅު އަދަދެއް ކަމަށް ސުޖާތާ ވިދާޅުވި އެވެ. ގާނޫނު އެކުލަވާލިއިރު މި އޮންނަނީ 40 އަހަރު ވުމުން ރިޓަޔާކުރާއިރު، މުސާރައިގެ ގޮތުގައި ލިބޭ 60 ޕަސެންޓު ލިބޭ ގޮތަށް ކަމަށާއި މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއް ހަމަ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެންޝަން ނިޒާމުގައި ހުރި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން ސުޖާތާ ވިދާޅުވީ، ހަރަދުތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔުމާއި ޑިފައިންޑް ބެނެފިޓު ލިބުމަކީ މައްސަލައެއް ކަމަށެވެ. އަދި މިގޮތަށް ޑިފައިންޑް ބެނެފިޓެއް ލިބެންޏާމުން ކޮންޓްރިބިއުޓު ކުރަން ބޭނުން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ފައިސާ ވެސް ލިބެނީ ދައުލަތުގެ މުވައްޒަފުންނަށް ކަމަށާއި މީގައި ހަމަހަމަ ކަމުގެ މައްސަލައެއް އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ބޭފުޅުންނަށް އެބަ އެނގިލައްވާ ލިބޭކަން ޑިފައިންޑް ބެނެފިޓެއް، ވަޒީފާއިން ވަކިވާ ހިނދު، އެކަމަކު މިއީ އަނެއްކާ ވެސް މި ފޯކަސް ވަނީ އެއްކަލަ ދައުލަތުގެ މުވައްޒަފުންނަށް. އެހެން ވީމައި މީގައި އެބައުޅޭ އިކުއިޓީގެ މައްސަލައެއް،" ސުޖާތާ ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖޭގެ އުމުރުން ދުވަސްވީ އާބާދީ އިތުރުވަމުން އަންނަ އިރު މި ހުރި ވަރުގައި އިނާޔަތްތައް ބެހެއްޓިޔަސް ހަރަދުތައް ބޮޑު ވާނެ ކަމަށް ސުޖާތާ ވިދާޅުވި އެވެ. އަދި ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލުތަކާ އެއްކޮށް، މި ރިވިއުކުރެވި ބޮޑު ކުރަން ޖެހޭ އެއްޗެއް ބޯޑުކުރެވި، އިންފްލޭޝަން ވެސް އެޖަސްޓު ކުރެވިގެން ދާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.