Advertisement

ޕަބްޖީ ނޭޝަންސް ކަޕް 2025 އަށް ބޮޑެތި ބަދަލުތަކެއް

21 އޭޕްރީލް 2025 - 06:35 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު


ޕަބްޖީ ނޭޝަންސް ކަޕް 2025 އަށް ބޮޑެތި ބަދަލުތަކެއް

21 އޭޕްރީލް 2025 - 06:35 0

ދުނިޔޭގެ ފެންވަރުގައި ބާއްވަމުން އަންނަ މަޝްހޫރު އޮންލައިން ގޭމް ޕަބްޖީ މުބާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެ ގޭމް ތައްޔާރުކުރި ކުންފުނި ކްރާފްޓޮންއިން ބުނެފިއެވެ.

ކްރާފްޓޮންއިން ބުނީ 2025 ވަނަ އަހަރުގެ ޕަބްޖީ ނޭޝަންސް ކަޕް އިތުރު އަށް ޓީމާއެކު ފުޅާކުރަން ނިންމާފައިވާ ކަމަށެވެ. މިއީ މި މުބާރާތުގެ ފަސްވަނަ އެޑިޝަން ކަމަށް ވާއިރު، މި އަހަރުގެ މުބާރާތުގައި 24 ގައުމެއްގެ ޓީމުތަކުން ބައިވެރިވާނެއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު، ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ހުންނަ އޮލިމްޕިކް ހޭންޑްބޯލް ޖިމްނޭޒިއަމްގައެވެ.

މިދިޔަ އަހަރު މި މުބާރާތް ބޭއްވުނީ ސޯލްގެ ކިޔުންގްހީ ގްރޭންޑް ޕީސް ހޯލްގައި 16 ގައުމެއްގެ ޓީމުތަކާއެކުއެވެ. އެ މުބާރާތުގައި ދެކުނު ކޮރެއާގެ ޓީމު ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. އެމެރިކާގެ ޓީމު ދެވަނައަށް އައިއިރު، އެ މުބާރާތުގެ ޖުމްލަ އިނާމުގެ ގޮތުގައި 548,932 ޑޮލަރު (413,230 ޕައުންޑް) ދީފައިވެ އެވެ.

އީސްޕޯޓްސް ޗާޓްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރުގެ މުބާރާތް ބަލާފައިވަނީ 510,997 މީހުންނެވެ. މިއީ އެހާތަނަށް ޕަބްޖީ އީސްޕޯޓްސް އިވެންޓްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބެލި ތިންވަނަ އިވެންޓެވެ.

2025 ވަނަ އަހަރުގެ މުބާރާތުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ދެކުނު ކޮރެއާގެ އިތުރުން މިދިޔަ އަހަރު ބައިވެރިވި 15 ގައުމުގެ ޓީމުތައް ބައިވެރިވާނެއެވެ. އަދި ޑެންމާކާއި އިންޑިއާގެ ޓީމުތައްވެސް މުބާރާތަށް އަނބުރާ އައުމަށް ހަމަޖެހިފައިވާއިރު، ފްރާންސް، ޕޮލެންޑް، ސްޕެއިން، ފިލިޕީންސް، ސްވީޑަން އަދި މެލޭޝިއާގެ ޓީމުތައް ފުރަތަމަ ފަހަރަށް މުބާރާތުގައި ވާދަކުރާނެއެވެ.

މުބާރާތުގައި ބައިވެރިވާ ހުރިހާ ގައުމެއްގެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ނަންތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

އާންމު ގޮތެއްގައި މި މުބާރާތުގައި ކުޅޭނެ ކުޅުންތެރިން ހޮވަނީ އެ ގައުމެއްގެ އެންމެ މޮޅު ޕަބްޖީ ކުޅުންތެރިންގެ ތެރެއިން އެ ކުޅުންތެރިންގެ އަމިއްލަ ވޯޓަކުންނެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ކުޅުންތެރިން ހޮވުުމުގެ އުސޫލު ތަފާތުވެއެވެ.

ޕަބްޖީ ނޭޝަންސް ކަޕަކީ ދުނިޔޭގެ އެންމެ މަގުބޫލު އޮންލައިން ގޭމްތަކުގެ ތެރެއިން އެއް ގޭމް ކަމަށްވާ "ޕްލެޔަރއަންނޯންސް ބެޓަލްގްރައުންޑްސް" (ޕަބްޖީ) ގެ އެންމެ މަތީ ފެންވަރުގެ ބައިނަލްއަގުވާމީ މުބާރާތެވެ. މި މުބާރާތް ފުރަތަމަ ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ގައުމެއްގެ އެންމެ ވަރުގަދަ ޕަބްޖީ ކުޅުންތެރިން އެއްޓީމެއްގައި ކުޅެއެވެ. މުބާރާތް ކުރިއަށްދަނީ ބެޓަލް ރޮޔަލް ފޯމެޓުގައި ކަމަށްވާއިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ބޮޑު ފައިސާގެ އިނާމެއް ލިބެއެވެ. މި މުބާރާތަކީ ޕަބްޖީ އީސްޕޯޓްސް ކަލަންޑަރުގެ އެންމެ މުހިންމު އެއް އިވެންޓް ކަމުގައި ބެލެވެއެވެ.