Advertisement

ސިޓީ ހަތަރަކަށް، ވިލާ އިން ނިއުކާސަލް ބަލިކޮށްފި

20 އޭޕްރީލް 2025 - 07:28 0


ސިޓީ ހަތަރަކަށް، ވިލާ އިން ނިއުކާސަލް ބަލިކޮށްފި

20 އޭޕްރީލް 2025 - 07:28 0

ބާމިންހަމް، އިންގްލެންޑް (އޭޕްރީލް 20) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން 2-0 އިން އެވަޓަން ބަލިކޮށް ހަތަރު ވަނަ އަށް ޖެހިލިއިރު، ނިއުކާސަލް ޔުނައިޓެޑް 4-1 އިން ބަލިކޮށް، އެސްޓަން ވިލާ އިން ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި އެވެ.

ލީގުގެ ތިން ވަނައިގައި އޮތް ނިއުކާސަލް އަށް 33 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނަ އަށް އެރި ސިޓީ އަށް 33 މެޗުން 58 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 32 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ވިލާ އިން ވަނީ 33 މެޗުން 57 ޕޮއިންޓް ހޯދައިފަ އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި އެ ޓީމުން ކުޅުނު މެޗުގައި ސިޓީ އަށް ގޯލެއް ޖެހޭގޮތްވީ މެޗުގެ ފަހު ވަގުތުގަ އެވެ. އެ ގޮތުން ސިޓީން ލީޑުނެގީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް، ޒުވާން ކުޅުންތެރިޔާ، ނިކޯ އޯރައިލީ ޖެހި ގޯލުންނެވެ. މިއީ، މަތެއުސް ނޫނޭސް ދިން ބޯޅައަކުން އޯ ރައިލީ ޖެހި ގޯލެކެވެ.

އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ސިޓީ އަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ޖެހީ، އިލްކާއި ގުންޑޮގާން ދިން ބޯޅައަކުން މަޓެއޯ ކޮވަސިޗް އެެވެ.

ވިލާ ޕާކުގައި ކުޅުނު މެޗު ފަށައިގެން 33 ސިކުންތު ތެރޭގައި އެސްޓަން ވިލާ އިން ލީޑުނެގި އެވެ. މި ލަނޑު ޖަހައި، އޮލީ ވަޓްކިންސް ވަނީ ޕްރިމިއާ ލީގުގައި ވިލާ އަށް 74 ވަނަ ގޯލު ޖަހައި، ގަބީ އަގްބަންލަހޯގެ ރެކޯޑާ ހަމަކޮށްފަ އެވެ.

ނިއުކާސަލް އިން 18 ވަނަ މިނިޓްގައި ފަބިއަން ޝެއާ ޖެހި ގޯލުން އެއްވަރުކުރި އެވެ. ވިލާ މެޗުން މޮޅުވީ ދެ ވަނަ ހާފުގައި ތިން ގޯލު ޖަހައިގެންނެވެ. އެ ގޮތުން، އެ ޓީމުން ދެ ވަނަ ފަހަރަށް މެޗުގައި ލީޑުނެގި ގޯލު ޖަހައިދިނީ، ފުލްބެކް، އިއަން މާޓްސެން އެވެ. ނިއުކާސަލްގެ ޑޭން ބާން އަތުން ބައިކޮޅަށް ވަން ގޯލުން ވިލާ އިން ލީޑުފުޅާކުރިއިރު، އެ ޓީމަށް ތިން ޕޮއިންްޓް ޔަގީންކޮށްދިން ގޯލު ޖެހީ، އަމަދޫ އޮނާނާ އެވެ.

ކްރިސްޓަލް ޕެލަސް އާއި ބޯންމައުތު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، ބްރައިޓަން އަތުން ބްރެންޓްފޯޑް މޮޅުވީ 4-2 އިންނެވެ. އަދި، ސައުތެމްޓަން އާއި ވެސްޓް ހޭމް ޔުނައިޓެޑްގެ މެޗު ވަނީ 1-1 އިން ވަނީ އެއްވަރުވެފަ އެވެ.