Advertisement

ފަނޑިޔާރުން ވަކި ކުރަން ކުޑަ ކޮމިޓީއިން ނިންމި ރިޕޯޓު ޖޭއެސްސީގެ މެންބަރުންނަކަށް އަދި ނުލިބޭ

19 އޭޕްރީލް 2025 - 18:06 1

ފަނޑިޔާރުން ވަކި ކުރަން ނިންމި ކޮމިޓީގެ މެންބަރުން ޔަޒްމީދް، އަލީ އަދި ނާސިހު: ފަނޑިޔާރުން ވަކި ކުރަން ކޮމިޓީއިން ނިންމީ ދިފާއީ ހެކިންނަށް ފުރުސަތު ނުދީ -- ފޮޓޯ: ރައީސް އޮފީސް


ފަނޑިޔާރުން ވަކި ކުރަން ކުޑަ ކޮމިޓީއިން ނިންމި ރިޕޯޓު ޖޭއެސްސީގެ މެންބަރުންނަކަށް އަދި ނުލިބޭ

19 އޭޕްރީލް 2025 - 18:06 1

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ތިން މެންބަރުން ހިމެނޭ ކޮމިޓީއަކުން ބުރާސްފަތި ދުވަހު ނިންމި ނަމަވެސް އެ ކޮމިޓީގެ ރިޕޯޓު ކޮމިޝަނުގެ އެހެން މެންބަރުންނާ ހިއްސާކޮށްފައިނުވާކަން އެނގިއްޖެ އެވެ.

ވަކި ކުރަން ނިންމީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރާލްދާ ޒާހިރެވެ. އެ ދެ ބޭފުޅުން ވަކި ކުރަން ނިންމި ކޮމިޓީގައި ހިމެނެނީ މެންބަރު މުހައްމަދު ނާސިހް އާއި ޔަޒްމީދް މުހައްމަދު އާއި އަލީ އަބްދުއްލަތީފެވެ.

ފެބްރުއަރީ 26، ގައި އެ ފަނޑިޔާރުން ސަސްޕެންޑު ކުރިތާ ދެ މަސްދުވަސް ފާއިތުވާން ކައިރިވެފައި އޮއްވައި، މިދިޔަ ބުރާސްފަތި ދުވަހު ފަނޑިޔާރުން ވަކި ކުރަން ނިންމީ ދިފާއުގައި ހުށަހެޅި ހެކިން ހާޒިރުނުކޮށް، ވަކީލެއް ބޭނުންކޮށްގެން ދިފާއުވުމުގެ ފުރުސަތު ވެސް ފުރިހަމައަށް ނުދީ އެވެ.

ޖޭއެސްސީއިން ފުރަތަމަ ސަސްޕެންޑު ކުރި ފަނޑިޔާރުންގެ ތެރޭގައި ހުސްނުއްސުއޫދު ވެސް ހިމެނެ އެވެ. އެކަމަކު، ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ ކަމަށް ވިދާޅުވެ ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކި ކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަށްފަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ހުށަހަޅާފައި އޮއްވަ އެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ކުޑަތަންވެފައި އޮއްވައި ޝަރީއަތަށް ހުރަސްއެޅޭ ގޮތަށެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ކަމަށް އދ. އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބުނެފަ އެވެ.

"މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެހެން ގާނޫނުއަސާސީއަށް ގެނައި ބަދަލާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވާ، އެ ކޯޓުގެ ނިންމުން ބަލިކަށިކުރަން ހިންގި އަމަލުތަކެއް ކަމުގައި ބެލެވޭ،" ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ހާއްސަ ރެޕަޓުއާ މާގަރެޓް ސެޓާވެއިޓް ވިދާޅުވި އެވެ.