19 އޭޕްރީލް 2025 - 12:25 0
19 އޭޕްރީލް 2025 - 12:25 0
ބެންގަލޫރު، އިންޑިއާ (އޭޕްރީލް 19) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ރޯޔަލް ޗެލެންޖާސް ބެންގަލޫރުގެ މައްޗަށް އެ ޓީމުގެ ދަނޑުގައި ފަސް ވިކެޓުން ކުރިހޯދުމަށް ފަހު، ޕަންޖާބް ކިންގްސް އިން ލީގު ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ވިއްސާރައިގެ ސަބަބުން ރޭގެ މެޗު ފެށުން ފަސްކުރަން ޖެހުނުއިރު، މެޗު ކުޅުނީ ދެ ޓީމު ވެސް 14 އޯވަރަށެވެ.
ޗިންނަސްވާމީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ޕަންޖާބުން ފީލްޑް ކުރަން ނިންމިއިރު، ބެންގަލޫރުން ކުޅެން އަރައި، 14 އޯވަރުގެ ތެރޭގައި، ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 95 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ނުބައިނުވެ 26 ބޯޅައިން 50 ލަނޑު ހެދި ޓިމް ޑޭވިޑް އެވެ. ބެންގަލޫރުގެ އޯޕަނިން ބެޓްސްމަނުން ކަމަށްވާ ވިރާތު ކޯލީ ތިން ބޯޅައިން އެއް ލަނޑަށް ނުބައިިވިއިރު، ފިލް ސޯލްޓް ނުބައިވީ ހަތަރު ބޯޅައިން ހަތަރު ލަނޑަށެވެ.
މި އިނިންްގްސްގައި ޕަންޖާބުގެ ބޯލަރުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ޕަންޖާބު މޮޅުވީ، 12.1 އޯވަރު ތެރޭގައި ފަސް ކުޅުންތެރިން ނުބައިވިއިރު، 98 ލަނޑު ހަދައިގެންނެވެ. ޕަންޖާބުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ނުބައިނުވެ، 19 ބޯޅައިން 33 ލަނޑު ހެދި، ނެހާލް ވަދޭރާ އެވެ.
މި ފަހަރުގެ އައިޕީއެލްގައި، ބެންގަލޫރުން މިހާތަނަށް އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗުން ބަލިވެފައިވާއިރު، ރަށުންބޭރުގައި ހަތަރު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ބެންގަލޫރު އޮތީ ހަތް މެޗުން އަށް ޕޮއިންޓާ އެކު، ހަތަރެއްގަ އެވެ. ދެ ވަނައިގައި އޮތް ޕަންޖާބާއި އެއް ވަނައިގައި އޮތް ދިއްލީ ކެޕިޓަލްސް އަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު، ޕަންޖާބުން ހަތް މެޗު ކުޅުނުއިރު، ދިއްލީން ކުޅުނީ ހަ މެޗެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment