Advertisement

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލަން ތާއިދެއް ނުކުރަން: އައްބާސް

19 އޭޕްރީލް 2025 - 09:06 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލަން ތާއިދެއް ނުކުރަން: އައްބާސް

19 އޭޕްރީލް 2025 - 09:06 3

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރައްވާ ކަމަށް އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލައި، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަގުލަބިއްޔަތު ވޯޓު ނުލިބުނަސް އިންތިހާބު ކާމިޔާބުވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާތީ، ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ ތާއިދަށް އެ މަނިކުފާނު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެދިވަޑައިގެންފަ އެވެ.

ރައީސް މުއިއްޒުގެ މި ވިސްނުމަށް ފާޑުކިޔުންތައް އަމާޒު ވެފައި ވަނިކޮށް، އެމްޑީއޭއަށް ނިސްބަތްވާ ރައްޔިތުންގެ ވެލިދޫ ދާއިރާގެ މެންބަރު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ނުބާއްވާން ނިންމަވައިފިނަމަ އެކަމަށް ތާއީދު ނުކުރާނެ" ކަމަށެވެ.

"އަދި ލާމަރުކަޒީ ނިޒާމުގެ ސިފަތައް ގެއްލޭނެ ގޮތަށް އަތޮޅު ކައުންސިލްތައް އުވާލަން ތާއީދު ނުކުރަން،" ރައީސް މުއިއްޒު ވެރިކަމަށް ގެންނެވުމަށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ތާއިދު ކުރެއްވި އައްބާސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަބާދީގެ ނިސްބަތައް ބަލާ ރަށު ކައުންސިލަރުންގެ އަދަދު މަދުކުރުމަށް އަޅުގަނޑު ތާއީދުކުރަން."

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަން ނުޖެހޭ ގޮތަށް ހަދައި، ވޯޓުގެ 50 ޕަސެންޓު ނުލިބުނަސް އެންމެ ގިނަ ވޯޓު ލިބިގެން ވެރިކަމަށް އާދެވޭނެ ގޮތް ހަދަން މަސައްކަތް ކުރާ ނަމަ ރައީސް މުއިއްޒު އަޒުލް ކުރަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ވެރިކަން ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުންނާ މުލީއާގޭގައި ބައްދަލު ކުރައްވަ އެވެ. އެކަމަކު، އެގޮތަށް ބަދަލު ކުރުން ގާނޫނުއަސާސީއާ ހިލާފުވާނެ ކަމަށް ޑރ. ދީދީ ވިދާޅުވި އެވެ.