މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޭޕްރީލް 19) - ބާސެލޯނާ އަށް ކުޅެމުން އަންނަ އުންމީދީ ފޯވާޑް، ލަމީން ޔަމާލް އަށް އެ ކްލަބަށް ކުރިން ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ލެޖެންޑަރީ ތަރި، ލިއޮނަލް މެސީ ނަސޭހަތެއް ދީފި އެވެ.
ޔަމާލް އަކީ ކުރިއަށް އޮތްތަނުގައި މެސީ ނެތްތަން ބާސެލޯނާގައި ފޫބައްދާނެ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެކާވީސް އަހަރަށް ފަހު ބާސެލޯނާ ދޫކޮށް، 2021 ވަނަ އަހަރު މެސީ ޕީއެސްޖީ އަށް ބަދަލުވި ފަހުން، ބާސެލޯނާ އަށް ޔޫރަޕް ފުޓްބޯޅައިގައި ބޮޑު ކާމިޔާބެއް ނުލިބެ އެވެ.
ހަތް އަހަރަށް ފަހު ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުުރުކޮށްފައިވާއިރު، މި ދަތުރުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ ޔަމާްލް އެވެ.
"ލަމީން (ޔަމާލް) އެ ކުރާ ކަމަކީ، އެ ދައްކާ ކުޅުމަކީ އާދަޔާހިލާފު ކަމެއް. އަދި އޭނަ އަށް 17 އަަހަރު. އެހެންވީމަ، ޑިވެލޮޕްމަންޓް ޕްރޮސަސްގައި އަދިވެސް އެ ހުރީ. އޭނަގެ ގޭމް ރަނގަޅުކުރާއިރު، ލިބޭ ތަޖުރިބާގެ އަލީގައި ކަންކަން ރަނގަޅުވާން ވެސް ޖެހޭނެ،" މެސީ ބުންޏެވެ.
"މި ވަގުތަށް ބަލާއިރު ވެސް ލަމީން (ޔަމާލް) އަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް ހުނަރުވެރި މޮޅު ކުޅުންތެރިއެއް،"
މި ސީޒަނުގައި ބާސެލޯނާ އަށް ޔަމާލް ކުޅެދިން 45 މެޗުން އޭނާ ވަނީ 14 ގޯލު ޖަހައި، 21 ގޯލު ޖަހަން ފުރުސަތު ދީފަ އެވެ.
Comment