18 އޭޕްރީލް 2025 - 15:11 0
އަހުމަދު ދާއޫދު
18 އޭޕްރީލް 2025 - 15:11 0
ފަރަންސޭސި ގޭމިން ކުންފުނި ޔޫބިސޮފްޓުން ކުލަ ނުފެންނަ (ކަލާ ބްލައިންޑް) މީހުންނަށް އަމާޒުކޮށްގެން "ކްރޯމާ" ގެ ނަމުގައި އާ ޓޫލެއް ތައާރަފުކޮށްފި އެވެ. މި ޓޫލަކީ އޯޕަން ސޯސް ޓޫލެއް ކަމަށްވާއިރު، މީގެ ބޭނުމަކީ ކުލަ ނުފެންނަ މީހުންނަށް ގޭމްތައް ކުޅުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމެވެ.
ޔޫބިސޮފްޓުން ބުނާ ގޮތުގައި މުޅި ދުނިޔޭގައި ގާތްގަނޑަކަށް 300 މިލިއަން މީހުންނަށް ކުލަ ފެނުމުގައި ދަތިތަކެއް ކުރިމަތިވެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކީ ގޭމް ކުޅޭ މީހުންނެވެ. މި ޓޫލުގެ ސަބަބުން ކުލަ ނުފެންނަ މީހުންނަށް ގޭމް ކުޅުމުގައި ދިމާވާ ދަތިތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ޔޫބިސޮފްޓުން ބުނެ އެވެ.
ކުލަ ނުފެނުމުގެ މައިގަނޑު ތިން ބާވަތް ކަމަށްވާ ޕްރޮޓަނޯޕިއާ، ޑިއުޓެރަނޯޕިއާ އަދި ޓްރިޓަނޯޕިއާއަށް ކްރޯމާ ޓޫލުގެ ޒަރީއާއިން ސިމިއުލޭޓް ކުރެވޭނެ އެވެ.
މިހާރު މި ޓޫލު ވަނީ ޔޫބިސޮފްޓުގެ އެތެރޭގައި ތަފާތު ގޭމް ޕްރޮޖެކްޓްތަކުގައި ބޭނުންކޮށްފަ އެވެ. އަދި މި ޓޫލަކީ ހުރިހާ ގޭމްތަކަށް ވެސް ބޭނުންކުރެވޭނެ ޓޫލެއް ކަމަށް ޔޫބިސޮފްޓުން ބުނެ އެވެ.
މި ޓޫލު ތައާރަފުކުރުމާ ގުޅިގެން ކުލަ ނުފެންނަ ގޭމަރުންނަށް ގޭމް ކުޅުމުގެ ތަޖުރިބާ ފުރިހަމަ ގޮތުގައި ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. އަދި މީގެ ސަބަބުން ގޭމް ޑިވެލޮޕަރުންނަށް ވެސް ކުލަ ނުފެންނަ މީހުންނަށް އަމާޒުކޮށްގެން ގޭމްތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެ އެވެ.
Comment