Advertisement

ފްލެޓު ލިސްޓަށް ހުށަހެޅި ބައެއް ޝަކުވާތައް ނުބަލާން ނިންމާ ހެކި ހުށަހަޅަން މިނިސްޓްރީން ހުރަސްއަޅައިފި

17 އޭޕްރީލް 2025 - 21:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: ފްލެޓު ލިސްޓާ ގުޅޭ ޝަކުވާއާއެކު ހެކި ހުށަހަޅަން މިނިސްޓްރީން ވަނީ ހުރަސްއަޅާފަ -- ފޮޓޯ: ރައީސް އޮފީސް


ފްލެޓު ލިސްޓަށް ހުށަހެޅި ބައެއް ޝަކުވާތައް ނުބަލާން ނިންމާ ހެކި ހުށަހަޅަން މިނިސްޓްރީން ހުރަސްއަޅައިފި

17 އޭޕްރީލް 2025 - 21:57 0

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން 3،119 ބާކީކޮށް މި ސަރުކާރުން ނެރުނު ފްލެޓް ލިސްޓަށް ހުށަހެޅި ބައެއް ޝަކުވާތައް ނުބަލާން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ނިންމައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޝަކުވާތަކުގެ ތެރޭގައި ހިމެނޭ އީމެއިލް އިން ހުށަހެޅި 2،840 ޝަކުވާ އަަދި، ސިޓީ މެދުވެރިކޮށް ހުށަހެޅި 526 ޝަކުވާގެ ތެރެއިން ބަލާނީ ލިސްޓުގައި ނުހިމެނޭ ތިންވަނަ ފަރާތަކުން ނުވަތަ އާންމުންގެ ތެރެއިން ހުށަހެޅި ޝަކުވާތައް އެކަނި ކަމަށެވެ.

ފްލެޓު ލިސްޓުގައި ހިމެނޭ ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި، ލިސްޓުގައި ހިމެނޭ މީހުންނަށް ޝަކުވާ ހުށަހެޅުނު ނަމަވެސް ޕޯޓަލް މެދުވެރިކޮށް އެއްވެސް ލިޔެކިޔުމެއް ހުށަހެއް ނޭޅެ އެވެ. އެކަމުގެ ޝަކުވާ ކުރުމުން މިނިސްޓްރީގެ އޮފިޝަލުން ވަނީ މެއިލް މެދުވެރިކޮށް ޑޮކިއުމަންޓުތައް ހުށަހަޅަން ބުނެފަ އެވެ.

ނަމަވެސް، މިނިސްޓްރީގެ މި ނިންމުމާއެކު ލިސްޓުގައި ހިމެނެނޭ ފަރާތްތަކުން މެއިލް ނުވަތަ ސިޓީ މެދުވެރިކޮށް ހުށަހެޅި ލިޔުންތައް ބަލައެއް ނުގަންނާނެ އެވެ. މިކަމާ ގުޅިގެން ދެން އަމަލުކުރާނެ ގޮތެއް މިނިސްޓްރީން ސާފުކޮށްދީފައެއް ނުވެ އެވެ.

ފްލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅީ 5،226 ޝަކުވާ އެވެ. ބާކީ 2،840 ޝަކުވާ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާއިރު، ސިޓީ މެދުވެރިކޮށް 526 ޝަކުވާ ހުށަހެޅި ކަމަށް އެ މީޑިއާއިން ބުންޏެވެ.

ފްލެޓް ލިސްޓު ފެބްރުއަރީ 27، ގައި އިއުލާން ކުރުމަށްފަހު، އެއް މަސް ދުވަސް ތެރޭގައި ޝަކުވާ ހުށަހަޅަން ހުޅުވާލީ މާޗު 1، ގަ އެވެ. ނަމަވެސް ފަހުން އޭޕްރީލް 15، ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރި އެވެ.

ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ކަނޑައެޅި 2695 މީހުންނާއި އިވެލުއޭޝަން ނިމުނުއިރު ފްލެޓު ލިބޭ ވަރަށް ޕޮއިންޓު ނުލިބުނު 424 މީހުންނެވެ.

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވީ ފްލެޓްތައް ދިނުމަށް ކަނޑައަޅާނީ ލިބޭ ޝަކުވާއަށް ބަލައި މިނިސްޓްރީގެ ނިންމުމަށް ޗެލެންޖު ކުރަން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ވެސް ދިނުމަށްފަހު ކަމަށެވެ.

ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި ލިސްޓަރު ދެބައިކުޅަ އެއްބަޔަށްވުރެ ވެސް ގިނަ މީހުން އުނިކޮށް އާ ލިސްޓެއް މި ސަރުކާރުން ހެދުމުން އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ދަނީ އަޑުއުފުލަމުންނެވެ.

މިކަމާ ގުޅިގެން އެކި ފަހަރުމަތިން ހައުސިން މިނިސްޓްރީ ދޮށަށް އެއްވެސް ފްލެޓު ލިބުނު ބަޔަކު ވަނީ މުޒާހަރާވެސް ކޮށްފަ އެވެ.