17 އޭޕްރީލް 2025 - 14:07 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު: 515 ދުވަސް ފަހުން ރައީސް ނޫސްކޮންފަރެންސެއް ބާއްވާކަން މިއަދު ވަނީ އިއުލާނުކުރައްވާފަ --- ފޮޓޯ: ރައީސް އޮފީސް
17 އޭޕްރީލް 2025 - 14:07 0
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްކޮންފަރެންސެއް ބާއްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރިއަށް ގެންދަވާ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރައްވާނީ އަންނަ މަހުގެ 3 ގައި ކަމަށެވެ. އެއީ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.
"އަޅުގަނޑު މިހާރު ނިންމާ އޮންނާނެ ތިނެއް މެއި، އެއީ ޕްރެސް ފްރީޑަމް ދުވަސް، އެ ދުވަހު އިރާދަކުރެއްވިއްޔާ އަޅުގަނޑު ނޫސްވެރިންނާ ބައްދަލުކުރާނަން. ނޫސްވެރިންނާ ބައްދަލުކޮށް. މީޑިއާއާ ބައްދަލުކޮށް ރައީސް އޮފީހުގަ ރަސްމީކޮށް ނޫސްކޮންފަރެންސެއް ބާއްވާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ އެ ދުވަހަށް ނޫސްވެރިންނާއި މީޑިއާތަކުން ތައްޔާރުވުމަށް ދައުވަތު ދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. ކޮންމެ ސުވާލެއް ވެސް ކުރެއްވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއީ އެމަނިކުފާނުގެ ވެރިކަމުގައި ބާއްވަވާ ދެވަނަ ނޫސްވެރިންގެ ބައްދަލުވުމެވެ. މިހާތަނަށް ރައީސް މުއިއްޒު ބޭއްވި ހަމައެކަނި ނޫސްވެރިންގެ ބައްދަލުވުން އޮތީ ޑިސެމްބަރު 5، 2023 ގައި ރައީސް އޮފީހުގަ އެވެ.
މީގެ އިތުރުން ޓީވީ ސްޓޭޝަނަކުން ދައުވަތު ދީފިނަމަ އެތަނަކުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށް ވެސް ތައްޔާރަށް ހުރި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މިއަދު މިހެން ވިދާޅުވި ނަމަވެސް ވެރިކަމަށް ވަޑައިގެންފަހުން ރައީސް މުއިއްޒު ނޫސްވެރިންނާއެކު ބާއްވަވަމުން ގެންދަވާފައިވަނީ ދުރު ގުޅުމެކެވެ.
އެ ގޮތުން، އެމަނިކުފާނުގެ ވެރިކަމުގައި ރައީސް މުއިއްޒު ވަނީ އަމިއްލަ މެންބަރަކު ލައްވާ ދިވެހި މީޑިއާގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް، ފާޑުކިޔުން އަމާޒުވެ އެ ބިލާއި ހަވާލުނުވެ، އެ މެންބަރު ލައްވާ ބިލު އަނބުރާ ނެންގެވި އެވެ.
އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް އެމަނިކުފާނު ފޯނުން ގުޅުއްވައި އިންޒާރު ދެއްވައި ބިރު ދެއްކެވި އެވެ. މި މައްސަލަ ފުލުހުން އަދި މީޑިއާ ކައުންސިލުންވެސް ބެލި އެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ދައުވާ ކުރެވޭނެ ޖާގައެއް ނެތް ކަމަށް ބުނެ މައްސަލަ އޮއްބާލާފަ އެވެ.
ފިޔާޒުއަށް ބިރުދެއްކި މައްސަލާގައި ބައިނަލްއަގުވަމީ ޖަމާއަތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ނޫސްވެރިންނާއި ނޫސްތަކާ ދެކޮޅަށް މި ވެރިކަމުގައި މީޑިއާ ކައުންސިލަށް އެންމެ ގިނަ މައްސަލަ ހުށަހެޅީވެސް ރައީސް އޮފީހުންނެވެ. އަދި، މިދިޔަ އަހަރުގެ ނޫސްވެރިންގެ އެވޯޑާ ގުޅިގެންވެސް މީޑިއާ ކައުންސިލަށް ސަރުކާރުން އެތައް ނުފޫޒެއް ފޯރުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment