Advertisement

ހުލާސާކޮށް އިއްޔެ: ސާޖިދާ ދައުވާ އުފުލީ ސިޔާސީ ބޭނުމެއްގައި

17 އޭޕްރީލް 2025 - 06:20 1

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ސާޖިދާ ދައުވާ އުފުލީ ސިޔާސީ ބޭނުމެއްގައި

17 އޭޕްރީލް 2025 - 06:20 1

ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ޕާޓީ އެކްޓިވިސްޓު މަރިޔަމް ޒުބައިރުގެ (މަންދީ) މައްޗަށް ފަސްޓް ލޭޑީ ސާޖިދާ އަހުމަދު ދައުވާ އުފުލީ ސިޔާސީ ބޭނުމެއްގައި، ޕާޓީގެ އަޑު ކަނޑުވާލުމުގެ ނިޔަތުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ.

ސިވިލް އަދި ފެމިލީ ކޯޓުގައި ސާޖިދާ އުފުލި ދައުވާތަކުގައި ބަދަލެއް ހޯދަން އެދިފައެއް ނުވެ އެވެ. އެދިފައި ވަނީ މަންދީ އާއި ޕާޓީގެ އެހެން އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ސަލީމް (މާޒް ސަލީމް) ދެއްކެވި ކަމަށް ބުނާ ވާހަކައަށް ފައްޔާޒް މައާފަށް އެދުމަށެވެ.

އެ ދައުވާ އުފުލުމުން ސޯލިހު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އަދި އެ ޕާޓީގެ އިސް ހިދުމަތްތެރިންގެ މައްޗަށް ދައުވާ ކުރުމަކީ "ފިނޑި އަމަލެއް" ކަމަށެވެ.

"އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އާއި ޕާޓީގެ އިސް ހިދުމަތްތެރީންގެ މައްޗަށް ސިޔާސީ ބޭނުމަށް އެކި ނަންނަމުގައި ކުރާ ދައުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަގްސަދުގައި ހިންގާ ފިނޑި އަމަލެއް،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު އިތުރަށް ވިދާޅުވީ އެފަދަ ދައުވާތަކެއް އުފުލި ނަމަވެސް އެމްޑީޕީން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި އަބަދުވެސް ޕާޓީން އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ އެމްޑީޕީއަށް އާ ކަމެއް ނޫން އަދި އެފަދަ ކަމަކުން އަޅުގަނޑުމެން ކުޑަކޮށް ވެސް ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެން މިތިބީ އެކަތިގަނޑެއްގެ ގޮތުގައި، ބަދަހިކޮށް އަދި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ކުރާ މަސައްކަތްތައް ދާނީ ކުރިއަށް،" ސޯލިހު ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު