Advertisement

އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވުމަށްފަހު ޕާޓީ ބަދަލުކޮށްފައިވާތީ އަރީޝްގެ މައްސަލަ އިލެކްޝަންސްގެ ސަމާލުކަމަށް

16 އޭޕްރީލް 2025 - 18:38 1

ޑެޕިއުޓީ މޭޔަރު އަރީޝް:


އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވުމަށްފަހު ޕާޓީ ބަދަލުކޮށްފައިވާތީ އަރީޝްގެ މައްސަލަ އިލެކްޝަންސްގެ ސަމާލުކަމަށް

16 އޭޕްރީލް 2025 - 18:38 1

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވުމަށްފަހު ދެ ފަހަރަކަށް ޕާޓީ ބަދަލުކޮށްފައިވާތީ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްގެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފި އެވެ.

ކައުންސިލްތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ވަކި ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވުމަށްފަހު އެ އިންތިހާބީ ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގައި ދަފުތަރުވެއްޖެ ނަމަ އެމީހަކު މަގާމުން ވަކިވާނެ އެވެ.

އެމްޑީޕީއިން އިލެކްޝަންސްއަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ، އަރީޝް އިންތިހާބުވީ އެ ޕާޓީގެ ޓިކެޓުގައި ކަމަށާއި ނަމަވެސް މިހާރު އެހެން ދެ ޕާޓީއަކަށް ދެ ފަހަރެއްގެ މަތިން ސޮއިކޮށްފައިވާކަން ކޮމިޝަނުގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.

"މިއީ އެންޓި ޑިފެކްޝަން ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައިވާ ގޮތުން ގޮނޑި ހުސްވާނެ ހާލަތްތަކެއް،" އެމްޑީޕީއިން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

އެމްޑީޕީގައި ހަރަކާތްތެރިވުމަށްފަހު ޖެނުއަރީ، 2024، ގައި އަރީޝް ވަނީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ ގުޅިފަ އެވެ. އޭގެ ފަހުން ނޮވެމްބަރު، 2024، އަނެއްކާ ޕީއެންސީއިން ކެނޑި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސާ އޭނާ ވަނީ ގުޅިފަ އެވެ. އެކަމަކު، އަނެއްކާ ވެސް ޖެނުއަރީ، 2025، ގައި އެމްޑީޕީއަށް ސޮއި ކުރި ކަމަށްވެ އެވެ.

މާލޭ ސިޓީ ކައުންސިލުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އަރީޝް ތަމްސީލު ކުރައްވަނީ ޕީއެންސީ އެވެ. ޑެޕިއުޓީ މޭޔަރުގެ މަގާމަށް އަރީޝް އިންތިހާބުވީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. ކުރިން ހުރި ޑެޕިއުޓީ މޭޔަރު މަގާމުން އިސްތިއުފާ ދެއްވުމުން ކައުންސިލަރުންގެ ތެރެއިން އެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރެއްވީ އޭނާ އެކަންޏެވެ.