Advertisement

ތަރައްގީއަށް ހަރަދު ނުކުރާތީ ބަޖެޓު ސާޕްލަސް ވެއްޖެ

16 އޭޕްރީލް 2025 - 12:17 1

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ތަންފީޒެއް ނުކުރޭ --- ފޮޓޯ: ރައީސް އޮފީސް


ތަރައްގީއަށް ހަރަދު ނުކުރާތީ ބަޖެޓު ސާޕްލަސް ވެއްޖެ

16 އޭޕްރީލް 2025 - 12:17 1

ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރަން ބަޖެޓުކޮށްފައި ހުރި ފައިސާ ހަރަދުނުކުރާތީ، ސަރުކާރުގެ ބަޖެޓު ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާއިން ސާޕްލަސްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި، މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހަރަދުތައް ހުރީ ނުވަ ބިލިއަން ރުފިޔާގަ އެވެ.

އާމްދަނީއަށް ބަލާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި 8.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ހިލޭ އެހީގެ ގޮތުގައި ލިބުނީ 56 މިލިއަން ރުފިޔާ އެވެ.

ޓެކްސް އާމްދަނީއަށް ބަލާއިރު، ބައެއް ދާއިރާތަކުން މިދިޔަ އަހަރުގެ ފަހުކޮޅު ޓެކްސްތައް ބޮޑުކުރި ނަމަވެސް މިދިޔަ އަހަރު ލިބުނު އަދަދަށް ވުރެ މި އަހަރު ލިބުނު އާމްދަނީ ދަށެވެ. ނަމަވެސް ޓެކްސް ނޫން އާމްދަނީ ވަނީ 581 މިލިއަން ރުފިޔާ މިދިޔަ އަހަރަށް ވުރެ އިތުރުވެފަ އެވެ.

ހަރަދުތަކަށް ބަލާއިރު ރިކަރަންޓު ހަރަދުގެ ގޮތުގައި ހޭދަވީ އަދަދު މިދިޔަ އަހަރަށް ވުރެ 470 މިލިއަން ރުފިޔާ މަދެވެ. ރިކަރަންޓު ހަރަދުތަކުން މި ވަރުގެ އަދަދެއް ސަލާމަތްކުރެވުނީ އިދާރީ ބޭނުންތަކަށް ހޯދާ ސާމާނު ގަތުން މަޑުޖައްސާލާފައި އޮތުމުންނެވެ. މިދިޔަ އަހަރާ އަޅައިބަލާއިރު، އިދާރީ ބޭނުންތަކަށް ހޯދާ ސާމާނަށް ކުރި ހަރަދު 371 މިލިއަން ރުފިޔާ ދަށެވެ.

ބަޖެޓު ސާޕްލަސްވީ މައިގަނޑު ސަބަބަކީ ހަރަދުތައް ކުޑަކުރުމަށް ވުރެ، ކެޕިޓަލް ހަރަދުތައް ކުރަން ބަޖެޓުކޮށްފައި ހުރި ފައިސާ ހޭދަނުކުރުމެވެ. ކެޕިޓަލް ހަރަދުތަކަށް މި އަހަރު ބަޖެޓުކުރި 12.5 ބިލިއަން ރުފިޔާގެ ތެރެއިން ތަފާސްހިސާބުތައް އާންމުކުރި މުއްދަތާ ހަމައަށް ހަރަދުކުރީ 693 މިލިއަން ރުފިޔާ އެވެ.

ހަރަދުތަކަށް ބަލާއިރު، މި އަހަރުގެ ބަޖެޓުގައި ހަރަދުތައް ކުޑަކުރުން ބުނި ދާއިރާތަކުގެ ތެރޭގައި ހިމެނޭ އާސަންދަ އާއި ސަބްސިޑީތަކުން ހަރަދުތައް ކުޑަކުރެވުނު ކަމަކަށް ނުދައްކަ އެވެ. އާސަންދައަށް ކުރި ހަރަދު 179 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ސަބްސިޑީ ހަރަދުން ކުޑަކުރެވުނީ 11 މިލިއަން ރުފިޔާ އެވެ.