Advertisement

ފުލުހުންނަށް ކާން ދިނުމުގެ އެއްބަސްވުމަށް ހުއްދަ ދިނީ ސުޕްރިންޓެންޑެންޓް ނަސީރު

16 އޭޕްރީލް 2025 - 10:50 0

އަމަން ހަލީމް

އަމަން ހަލީމް

ފުލުހުންގެ ކުރީގެ ޑީސީޕީ އަލީ ރަޝީދު (ކ) އާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުالله ނަސީރު (ވ): ކާން ދިނުމުގެ ކަންކަން ހަވާލުކުރި ޕޮލްކެޓުގެ ޑިރެކްޓަރުންގެ ބޯޑުގައި ވެސް ނަސީރު އިންނަވާ --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


ފުލުހުންނަށް ކާން ދިނުމުގެ އެއްބަސްވުމަށް ހުއްދަ ދިނީ ސުޕްރިންޓެންޑެންޓް ނަސީރު

16 އޭޕްރީލް 2025 - 10:50 0

ފިނޭންސް މިނިސްޓްރީން ދިން ހުއްދައިގެ މުއްދަތު އިތުރުކޮށް، މާލިއްޔަތު ގާނޫނާ ގަވާއިދާ ހިލާފަށް ފުލުހުންނަށް ކާން ދިނުމުގެ ކަންކަން ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރަން ހުއްދަ ދިން ފުލުސް އޮފިސަރަކީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުالله ނަސީރު ކަން އަދަދު އަށް އެނގިއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު މާލިއްޔަތު ކޮމިޓީގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ފެންމަތިވީ މި މައްސަލައިގައި، ފިނޭންސުގެ ޓެންޑާ ބޯޑުން ފަސް އަހަރުގެ މުއްދަތަށް އެކުލަވާލަން ހުއްދަ ދިން އެއްބަސްވުމެއް ވަނީ 10 އަހަރުގެ މުއްދަތަށް އެކުލަވާލާ ސޮއިކުރިކަން ވަނީ ހާމަވެފަ އެވެ.

ފުލުހުންނަށް ކާން ދިނުމުގެ ކަންކަން ހަވާލުކުރީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއި މޭނާ ޕްރައިވެޓު ލިމިޓެޑު ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއް ހިއްސާވާ ގޮތަށް އުފައްދާފައިވާ އޮންނަ ޕޮލިސް ކޭޓަރިން ސާވިސަސް (ޕޮލްކެޓު) އާ އެވެ. ޕޮލްކެޓުން މި މަސައްކަތް ހަވާލުކުރީ މޭނާ ކުންފުނީގެ އެއް ހިއްސާދާރުގެ އަމިއްލަ ވިޔަފާރީއެއްގެ ގޮތުގައި އޮންނަ މޭނާ ކޭޓަރިންއާ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން ދައްކާ ގޮތުގައި ޕޮލްކެޓުގެ ޑިރެކްޓަރުންގެ ބޯޑުގައި ވެސް އަބްދުالله ނަސީރު އިންނަވަ އެވެ.

މި މައްސަލަ ފެންމަތިކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކޮމިޓީ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި، ފުލުހުންނަށް ކާން ދިނުމުގެ އެއްބަސްވުމުގެ އަގަކީ އަހަރަކަށް 35 މިލިއަން ރުފިޔާ އެވެ. މިހެންކަމުން 10 އަހަރަށް އެކުލަވާލި އެއްބަސްވުމުގެ ޖުމުލަ އަގަކީ 350 މިލިއަން ރުފިޔާ އެވެ.

"ފިނޭންސް މިނިސްޓްރީގެ ޓެންޑާ ބޯޑުން ފަސް އަހަރު ދުވަހަށް ހުއްދަ ދެއްވީމައި، އޮފިސަރު މިއޮތީ ލިޔުން ފޮނުވާފައި 10 އަހަރު ދުވަހަށް އެގްރީމަންޓު ކުރުމަށޭ، އެހެރީ އެއްވެސް ޖެހިލުމެއް ނެތި ކޮށްލާފައި ހުރި ކަންކަން،" ނާޒިމް އެ ދުވަހު ވިދާޅުވި އެވެ.

މިކަމުގެ މައުލޫމާތު މި ނޫހަށް ދިން މަސްދަރުން ބުނި ގޮތުގައި، މި މައްސަލައިގައި ނަސީރުއާ ސުވާލުކުރި އެވެ. އޭނާއާ ސުވާލުކުރުމުން ނަސީރު ބުނީ މުއްދަތު އިތުރުކޮށް އެއްބަސްވުން އެކުލަވާލަން ހުއްދަ ދިން ލިޔުމުގައި އޭނާ ސޮއިކުރީ އޭރުގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު އަންގައިގެން ކަމަށެވެ. އޭނާ ވަނީ ފުލުހުންގެ ހިދުމަތުން ރިޓަޔާކޮށްފަ އެވެ.

މި މައްސަލައިގައި އަލީ ރަޝީދާ ސުވާލުކުރިކަމެއް އަދި ނޭނގެ އެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން ވަނީ ޕޮލްކޯއިން ހިންގާފައިވާ ހިޔާނާތްތަކާއި އުސޫލުތަކުގެ ބޭރުން ކޮށްފައިވާ ކަންކަމުގައި ޒިންމާވާ ބަޔަކު ހޯދައި، އެ މީހުންނަށް ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކަށް އަންގާނެ ކަމަށް ބުނެފަ އެވެ.

ޕޮލްކޯއަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ ތަނުގެ ބަހެއް ހޯދަން ވެސް މި ނޫހުން މަސައްކަތް ކުރީމެވެ. އެ ތަނުގެ ރަސްމީ ނަންބަރަށް ގުޅުމުން ފޯނަށް ޖަވާބު ދިން މީހާ ބުނީ އެ ވަރުގެ މައުލޫމާތެއް ދެވޭނެ ވަރުގެ އޮފީހުގައި އެ ވަގުތު ނެތް ކަމަށެވެ. އަދި ޕޮލްކެޓާ ގުޅޭނެ ނަންބަރެއް ދޭން ބުނުމުން އޭނާ ވަނީ އެ ކުންފުންޏާ ގުޅޭނެ ރަސްމީ ނަންބަރެއް ނެތް ކަމަށް ބުނެފަ އެވެ.